ޝިޔާމަށް ހަމަލާދިން މައްސަލަ ބަލަން ސަބް ކޮމިޓީއެއް އުފައްދައިފި

ޖޫން މަހުގެ 1 ވަނަ ދުވަހު ރޭ ދަންވަރު ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން މަޖިލިހުގައި ބޭއްވި ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމަށް ހަމަލާދިން މައްސަލަ ތަޙުޤީޤުކުރުމަށް މަޖިލިހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ސަބްކޮމިޓީއެއް އުފައްދައިފިއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން މަޖިލީހުގެ ތަޅުމުން އޭނާ ނެރުމުގައި ހިނގި ހަމަނުޖެހުމުގައި އޭނާއަށް އަނިޔާތަކެއްވި މައްސަލައިގައި އިދިކޮޅު ކޯލިޝަނުން އަންނަނި މަޖިލީހުގެ ޖަލްސާތައް ބޮއިކަޓް ކުރަމުން ނެވެ. 

އެ ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާތަކެއް ވެފައިވާއިރު އެ މައްސަލަ ބަލައި ދިނުމަށް އެދިފައިވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މަޖިލީހުގެ ރައީސަށް ސަލީމް ފޮނުވި ސިޓީގައި އެދިފައިވަނީ ޝިޔާމަށް އަނިޔާ ކުރުމުގައި ބައިވެރިވި މެންބަރުން ހޯދައި އެކަމުގައި އިމްތިޔާޒް ކޮމިޓީން ތަހުގީގެއް ކޮށްދިނުމަށެވެ. 

އެމައްސަލަ މަޖިލިހުގެ ސުލޫކީ ކޮމިޓީއަށް ރިޔާސަތުން ފޮނުވުމުން އެމައްސަލައާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވެއެވެ. 

މިމައްސަލަ ތަޙުޤީޤުކޮށް ލިޔެކިޔުން ހޯދުމަށް ސަބް ކޮމިޓީއެއް ހެދުމަށް ހުށަހެޅި ކޮމިޓީގެ މެންބަރުންގެ މެދުގައި ސަބް ކޮމިޓީ އެކުލެވިގެންވާނެ ގޮތާމެދު ޚިޔާލުތަފާތުވުން އުފެދުނެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެންބަރުންގެ ތެރެއިން 4 މެންބަރުން ވޯޓު ދެއްވައިގެން އަޣުލަބިއްޔަތުން ފާސްވީ މެންބަރު ރާއީ ހުށަހެޅުއްވި ގޮތަށް އެމްޑީޕީ ދެ މެންބަރުންނާއި މަޑުއްވަރީ ދާއިރާ މެންބަރުގެ މައްޗަށް އެކުލެވޭ ގޮތަށް ސަބް ކޮމިޓީ އެކުލަވައިލުމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!