މިނިސްޓްރީގެ ހުއްދަ ނެތި ސްކޫލްތަކުގެ ބެޖު ބޭނުން ނުކުރުމަށް އަންގައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނެތި ސްކޫލްތަކުގެ ބެޖު ބޭނުން ނުކުރުމަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދަލެއް ކަމަށެވެ. އަދި ސްކޫލު ޔުނިފޯމުގައި ބޭނުން ކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުން ކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް މިހާރަކަށް އައިސް އެ މިނިސްޓްރީގެ ހުއްދަ ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫންވެސް ކަންކަމުގައި ބޭނުން ކުރަމުން އަންނަ ކަން ފަހަގަވެފައިވާ ކަމަށެވެ. އެގޮތުން ސްކޫލުތައް އަލުން ހުޅުވާލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުން ކުރުމަށް ތައްޔާރު ކުރަމުްނދާ ފޭސް މާސްކްތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ ހުއްދަ ނެތި ސްކޫލުގެ ބެޖު ވިޔަފާރިއާއި އެ ނޫން ވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!