ފޮޓޯ: މީހާރު

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގެއް އުފައްދައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމުގެ އޯޑަރަށް އިސްލާހު ގެނެސް، އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ނަމުގައި ވިންގުގެ ދަރަޖައިގައި ޑިޕާޓްމަންޓެއް އުފައްދައި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމުގައި ކުރަމުން އައި މަސައްކަތްތައް ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، އިތުރު ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ވަނީ އުފައްދާފައެވެ.

އެގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓްތަކަކީ ފެމިލީ އެންޑް ޗައިލްޑް ޕްްރޮޓެކްޝަން، ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންސް ޑިޕާޓްމަންޓް ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ އިތުރުން ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގަކީ ކުޑަކުދިންނާމެދު ބޮޑެތި މީހުން ހިންގާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ޑޮމެސްޓިކް ވަޔަލެންސް އާއި ޖެންޑާ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުފައްދަފަިއވާ ވިންގެކެވެ. އަދި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަކީ ވެސް މި ވިންގުން ކުރާނެ ކަމެކެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުން މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރާ ޑިޕާޓްމަންޓްތައް ވިލަރެސްކުރުމާއި އެޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއެކު ޕްރޮޖެކްޓާއި ޕްރޮގްރާމްތައް ހިންގުމާއި މޮނިޓާކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި ވިންގުގެ ދަށުން އުފައްދާފައިވާ ޑިޕާޓްމަންޓްތަކުގެ ތެރެއިން ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަކީ ކުޑަކުދިންނާމެދު ހިންގޭ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ކުޑަކުދިިންގެ މައްސަލަތަކާއި ޗައިލްޑް އެކްސްޕޮލައިޓޭޝަނާއި ކުޑަކުދިންނަށް ބިރުދެއްކުމުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ. މި ޑިޕާޓްމަންޓުން ކުޑަކުދިިންގެ ހައްގުތަކުގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެ ޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ވެސް ދޭނެއެވެ.

ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓަކީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުދިންނަށް ކައުންސިލިން ހޯދައި ދިނުމާއި ކަރެކްޝަނަލް ޓްރެއިނިން ސެންޓާ ފޯ ޗިލްޑްރަންއަށް ކުދިން ފޮނުވުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން މަސައްކަތްކުރާ ޑިޕާޓްމަންޓެކެވެ. އަދި މި ޑިޕާޓްމަންޓުން އެފަދަ ކުދިންގެ ހާލަތު އެމުއައްސަސާތަކާ ގުޅިގެން ބަލައި މޮނީޓާ ކުރުމާއި އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކުގައި އިރުޝާދު ވެސް ދޭނެއެވެ.

ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާއި ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ އެހެން ބަދަލުތައް:

މި ބަދަލުތަކުގެ ތެރޭގައި ކުރިން ސްޕެލިސްޓް ސަޕޯޓް ޑައިރެކްޓްރޭޓްގެ ދަށުން އޮތް ފޮރެންސިކް ސާވިސަސް އެ ޑައިރެކްޓްރޭޓް ދަށުން އުނިކޮށް، ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓްގެ ދަރަޖައިގައި އުފައްދައި، ފޮރެންސިކް ސާވިސަސްގެ މަސައްކަތްތައް ތަރުތީބުކޮށް، ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ތަރުތީބުކުރުން ހިމެނެއެވެ.

އަދި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް އިންވެސްޓިގޭޝަން ޑެވެލޮޕްމަންޓް ޔުނިޓެއް އުފެއްދުމާއި ވިކްޓިމް ސަޕޯޓްގެ ނަމުގައި އޮތް ބަހާ “ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް” ގެ ނަމުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ވިކްޓިިމް ސަޕޯޓް ޑިޕާޓްމަންޓަކީ ކުށުގެ ޝިކާރައަކަށް ވެފައިވާ ނުވަތަ ކުށުގެ ސަބަބުން އަނިޔާއެއް ނުވަތަ ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތްތަކަށް އެހީތެރިވުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ހިދުމަތްތައް ސިއްރު ހިފެހެއްޓުމާއެކު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޑިޕާޓްމަންޓެކެވެ. އަދި ކުށެއްގެ ޝިކާރައަކަށް ނުވިނަމަވެސް އެއްވެސް މައްސަލައަކާ ގުޅިގެން އެމައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ހާލަތެއްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ބަދަލުގެ އިތުރުން ދެން ހިމެނެނީ ހިއުމަން ޓްރެފިކިންގެ ނަމުގައި އޮތް ބަހާ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓްގެ ނަމުގައި ސީރިއަސް އޯގަނައިޒް ކްރައިމްސް ވިންގުގެ ދަށަށް ބަދަލުކުރުމެވެ. މީގެއިތުރުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ސީރިއަސް އޯގަނައިޒްޑް ކްރައިމްވެސް ވިންގުގެ ދަށަށް ބަދަލުކޮށް، ވިކްޓިމް ސެންޓާޑް އެންޑް ވޮލިއުމް ކްރައިމްސް ވިންގު ވަނީ އުވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!