ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަންވެސް ބަދަލުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށްދިޔަ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ފުލުހުންގެ ކަންކަމަށް 48 ތަފާތެއް ގެނައުމަށް، ބިލުގެ ބަހުސްގައި މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި، ފުލުހުންނަށް އެހެން މަރުކަޒެއް ބޭނުން ވުމާއި، އެހެން ނަމެއް ބޭނުންވުމާއި، އެހެން ކުލައެއް ބޭނުންވުން ހިމެނޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ ރައްޔިތުން ލޯބިވާ، ރައްޔިތުންނާ އެކު އުޅޭ، އަދި ރައްޔިތުންގެ ކަންކަން ގާނޫނުގައި ވާ ގޮތުގެމަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި ރައްޔިތުންނަށް ހިދުމަތްދޭނެ މުއައްސަސާއެއް ކަމަށެވެ.