ރައީސް ނަޝީދުގެ ދަތުރުފުޅަކަށް ދައްކަން ބުނި 444ރ ދައްކައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައްކަން އެންގި، 444ރ (ހަތަރުސަތޭކަ ހަތަރު ރުފިޔާ) ދައްކަވައިފި އެވެ.

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެފައިސާ ދައްކަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފައިސާ އޭސީސީއަށް ދައްކާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެފައިސާ ދައްކާފައިވަނީ މަޖިލީހުގެ އިދާރާއިން ކަމަށްވެސް ވެއެވެ.

އޭސީސީން ތަހުގީގުކޮށްފައިވަނީ ރައީސް ނަޝީދު، އެމްޑީޕީގެ ދަތުރެއްގައި، ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ މައްސަލައެވެ. މި މައްސަލައާއި ގުޅިގެން އޭސީސީން މަޖިލީހަށް ފޮނުވި “އިސްލާހު ކުރުމަށް އަންގާ އެންގުން” މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މެމްބަރުންނަށް އިއްވަވާ ދެއްވާފައެވެ.

އޭސީސީން ބުނެފައިވަނީ 31 އޮކްޓޫބަރު 2019 ގައި ގއ. ވިލިނގިލީގައި ބޭއްވި “ދެކުނު މަހާސިންތާ” ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް، މީހަކަށް ޙަރަދުކޮށްފައިވަނީ 1,222.00ރ (ބާރަ ސަތޭކަ ބާވީސް ރުފިޔާ) ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން މަހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1,333,00ރ (ތޭރަ ސަތޭކަ ތިރީސް ތިން ރުފިޔާ) ޚަރަދުކޮށްފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1,222.00ރ (ބާރަ ސަތޭކަ ބާވީސް ރުފިޔާ) ކަމަށާއި، މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444ރ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އަންގާފައި ވެއެވެ.

އަދި އެފައިސާ ހޯދުމަށްފަހު އެކަން އެ ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!