ފުލުހުންގެ ބިލު ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް

ދިވެހި ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ބިލު ތަޅުމަށް ބަލައިގަތުމުން ބިލު ދިރާސާކުރަން ފޮނުވީ 241 ކޮމިޓީއަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން، މި ބިލުގެ ބޭނުމަކީ ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުއާސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމާއެކު ޤާނޫނުގެ ޙުކޫމާތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު)ގެ ބަދަލުގައި އާ ޤާނޫނެއް ތަޢާރަފުކޮށް، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާގޮތާއި، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުޞޫލުތަކާއި، ފުލުހުން ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން އެޤާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުން ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ވެއެވެ.

މިބިލުގައިވާ ގޮތުން، ދިވެހި ފުލުހުންގެ ޚާއްޞަ ސިފަތައް ކަމަށް ބަޔާންކުރާ މާއްދާގައި ބުނަނީ، ފުލުހުންގެ ޚިދުމަތަކީ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގަ އެވެ. އަދި ޚިދުމަތް މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގަ އެވެ. އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، މުޅި ދިވެހިރާއްޖެއަށް ޚިދުމަތް ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައިވެސް ފުލުހުންގެ ޚިދުމަތްވާން ޖެހޭނެ ކަމަށް މިބިލުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ މަދަނީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މަތިންތިރިއަށް ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ މައްޗަށް ބިނާކޮށް، ހިންގާ ފުލުހުންނާއި، ފުލުހުން ނޫން މުވައްޒަފުންވެސް މަސައްކަތްކުރާ ޤާނޫނު ތަންފީޒު ކުރާ ޚިދުމަތެއް ކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ބިލުގައި ބަޔާން ކޮށްފައި ވެއެވެ.

ފުލުހުންގެ ޚިދުމަތާމެދު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަބަދުވެސް އިވެމުންދެއެވެ. ސިޔާސީ ބޭނުމަށް އޭރަކު އޮންނަ ސަރުކާރަކުން ސިޔާސީ މީހުން ހައްޔަރުކުރުމާއި، ޖެއްސުން ކުރުމުގައި ފުލުހުން ބޭނުން ކުރަމުންދާކަމަށް ވެސް އަބަދުވެސް އިވެމުން ދެއެވެ. އެގޮތުން އެންމެފަހުން ވެރިކަން ކުރެއްވި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ހިންގި ޖަރީމާތަކުގައި ވެސް ފުލުހުންގެ ދައުރު ވަރަށް ބޮޑުކަމަށް ވެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާ އެތައް ސަތޭކަ ރައްޔިތުންނެއް ނުޙައްޤުން ޖަލަށްލާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!