ކޮވިޑް-19 އަށް ފަރުވާކުރުމަށް އަތަށް ބޮސްދޭ ފާދިރީއަކު އެ ބަލި ޖެހިގެން މަރުވެއްޖެ

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ފަރުވާއެއް ކަމަށްބުނެ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަތަށް ބޮސްދެމުން ދިޔަ އިންޑިޔާގެ ފާދިރީއަކު، ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ރަތްލަމް ސަރަހައްދަށް ނިސްބަތްވާ މި ފާދިރީ މީހުންގެ އަތަށް ބޮސްދެމުން ދިޔައީ، އޭނާ ބޮސްދިނުމުން އެކި ކަހަލަ މުސީބާތްތަކުން ސަލާމަތްވާނެ ކަމަށާއި، ކޮވިޑް-19 ބަލިންވެސް މީހާ ރައްކާތެރިވާނެ ކަމަށް ބުނެއެވެ.

އެ ފާދިރީ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އެއަށްފަހު، އެ ސަރަހައްދުން 40 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 20 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެ ފާދިރީ މަރުވެފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އެންމެ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ އިރު، އެ ގައުމުގައި އެ ބަލިން ރަނގަޅުވާ ކަމަށް ބުނެ ތަފާތު ކަންކަން ކުރެ އެވެ. އެގޮތުން އިންޑިއާގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ގެރީގެ ކުޑަކަމުދާ އެއްޗެހި ބުއިމުން، ކޮވިޑް-19 ޖެހުމުން ރައްކާތެރިކޮށްދެ އެވެ. 

ނަމަވެސް އެ ފަދަ ކަންކަން ނުކުރުމަށާއި، އޭގެ ސަބަބުން އެތައް ބަޔަކަށް ނުރައްކާތެރި އެހެން ބަލިތައް ޖެހުން ވެސް އެކަށީގެންވާ ކަމަށް އިންޑިއާގެ ކަމާގުޅޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!