ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ބޭނުންވާ ބަޔަކަށް ނަން ނެގުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފައި ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާ އެކު، އިންތިޚާބުގައި ކުރިއަށް ނުދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން ހޮވާނެ އެވެ. މި އިންތިޚާބަށް އެމްޑީޕީން 877 ގޮނޑި އަށް، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ.
ނަން އަނބުރާ ނެގުމުގެ ފުރުސަތު އޮތަސް ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ ގޮނޑިތަކަކަށް އިތުރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެހެންކަމުން، ބައެއް ކައުންސިލްތަކުގައި އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މެމްބަރުން މަދުވުން އެކަށީގެންވެ އެވެ.