ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދޭ ހިސާބުން މާވެޔޮ މިސްކިތް ހުޅުވޭނެ: މިނިސްޓަރު ޒާހިރު

މާވެޔޮ މިސްކިތް ހުޅުވާނީ މާލޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދިނުމުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ކުރިން ދެ ބުރިއަށް ހުރި މާވެޔޮ މިސްކިތް 2016 ވަނަ އަހަރުގެ ތެރޭގައި ތަޅާލައި އެތަނުގައި ފަސް ބުރީގެ އިމާރާތެއް އަޅަން ނިންމި އެވެ. އެކަމަކު ފަހުން ވަނީ މިސްކިތް އިމާރާތް ކުރާނީ ހަތް ބުރިއަށް ކަމަށް ނިންމާފަ އެވެ. 

ދައުލަތުން 17 މިލިއަން ހަރަދުކޮށްގެން އެ މަސައްކަތް ކުރަން އޮތްނަމަވެސް އެތަނުގެ މަސައްކަތް ނިންމާފައި ވަނީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ އެޗްއާރުސީ ކުންފުނިންނެވެ. 

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިދިޔަ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރަން އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19 ގެ ކަންކަމާއި ހުރެ މަސައްކަތް ނުނިމުނީ ކަމަށެވެ. 

އެކަމަކު ވަރަށް ބުރަކޮށް މަަސައްކަތްކޮށްގެން މިހާރު ވަނީ ހުރިހާ މަސައްކަތެއް ވަރަށް ފުރިހަމައަށް ކޮށް ނިންމާފައިކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. 

މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައިވަނީ ދެހާހެއްހާ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކުއެވެ. މިސްކިތުގެ އިމާރާތް ހަދާފައިވަނީ 6 ފަންގިފިލާއަށެވެ. މިސްކިތުގެ އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރެވޭނެހެން ބައެއް ފަންގިފިލާތައްވަނީ ފަރުމާކޮށްފައެވެ
.
މާވެޔޮ މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައެއްގެ އިތުރުން، އަންހެނުންނަށް ނަމާދު ކުރެވޭގޮތަށްވެސް ޚާއްސަ ބައެއް ވަނީ ހަދާފައެވެ. މާވެޔޮ މިސްކިތް އެޅުމަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!