މާރުކޭޓުތައް އަލުން ހުޅުވާއިރު އަމަލުކުރަންޖެހޭ އުސޫލުތައް!

ކޯވިޑް-19ގެ ފުރަބަންދު އުވަލާ މާލޭ ސިޓީގެ މާރުކޭޓުތައް އަލުން ހުޅުވާއިރު ހިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ކޯވިޑްއަށްފަހު މާރުކޭޓްތައް އަލުން ހުޅުވާއިރު ގޮޅިތައް ކޮންމެ ދުވަހަކު އެއްފަހަރު ޑިސްއިންފެކްޓްކޮށް ސާފްކުރަންޖެހޭނޭކަމަށެވެ. އަދި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތި ބިންމަތީގައި ނުބެހެއްޓުމާއި، ގޮޅީގައި ތިބޭ މީހުން ސާފްތާހިރުކޮށް ތިބުމާއި، އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑުތަކަށް ކަމޭ ހިތުމާއި ބަލީގެ އަލާމަތްތައް ފެންނިއްޖެނަމަ ގޮޅީގައި މަސައްކަތް ނުކުރުމަކީވެސް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިމެނޭކަމެކެވެ.

މީގެއިތުރުން ގޮޅިތަކުގައި ވިއްކާ ތަކެތި ސާފުކުރުމާއި، ތަކެތީގެ އަގު އެނގޭނެހެން ބެހެއްޓުމާއި، ކަސްޓަމަރުންވެސް އަދި ގޮޅީގައި ތިބޭ މީހުންވެސް ތަކެތީގައި އަތްނުލުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި މާރުކޭޓު ގޮޅިތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަކީ އެޗްޕީއޭއިން ކަނޑައަޅާ އަންގާފައިވާ ގޮތަށް މާސްކް އަދި ސާފްތާހިރުކަމުގެ އެހެން ފިޔަވަޅުތައް އަޅާފައިވާ ބަޔަކަށް ވާންޖެހޭނެކަމަށް ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ މިންގަނޑުގައިވެއެވެ.

ސިޓީ ކައުންސިލުން މާރުކޭޓްތައް ހިންގަންޖެހޭ އުސޫލުތަކާއި ބަހައްޓަންޖެހޭ މިންގަނޑުތައް އާންމުކޮށްފައިވާއިރު މާލޭގައި ހިންގާ މާރުކޭޓުތައް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާގެ ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ މިންގަނޑުތަކަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ މިންގަނޑެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!