ޓެކްސް ދައްކަންޖެހޭ އާ ސުންގަޑިތައް އިއުލާނުކޮށްފި

ޓެކްސް ދައްކަންޖެހޭ އާ ސުންގަޑިތައް އިއުލާނުކޮށް އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތަކުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

މީރާ އިން ކުރި އިއުލާނެއްގައި ބުނީ ޖުލައި ފަސްވަނަ ދުވަހު މީރާގެ ކައުންޓަރުތަކުން ހިދުމަތް ލިބިގެން ދާނެކަމަށެވެ. ނަމަވެސް ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށާއި އިޖުތިމާއީ ގައިދުރުކަމާއެކު ހިދުމަތް ދިނުމަށް ބަންދުގެ މުއްދަތުގައި އައިސްފައިވާ ޓެކްސް ސުންގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ފުރަތަމަ ހަފްތާ ކައުންޓަރުތަކުން ހަމައެކަނި ބަލައިގަންނާނީ މީރާ އަށް ބަލައިގަންނަ ޓެހުކަށް ނުވާ ފީ އާއި ފައިސާ އަދި އެހެން ކުލި ކަމަށް އެ އިދާރާ އިން ބުންޏެވެ. އެ ފައިސާ އާ ގުޅޭ އިދާރާއަކުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ، އާ ސުންގަޑިއަކީ 16 ޖުލައި ކަމަށް މީރާ އިން ބުންޏެވެ.

ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށް ނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމް ނޫން ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމް ނޫން ފައިސާ ބަލައިގަންނާނެ ކަމަށް މީރާ އިން ބުންޏެވެ.

މީގެ އިތުރުން އޭޕްރީލް 15 ނުވަތަ އޭގެ ފަހުން އައިސްފައިވާ ޓެކްސް ސުންގަޑިތަކުގެ އާ ސުންގަޑިއަކީ 23 ޖުލައި ކަމަށް އެ އިދާރާ އިން ބުންޏެވެ.

އަދި މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އާ ސުންގަޑިއަކީ 16 އޮގަސްޓު ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.

މިއަހަރަށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުމުގެ އައު ސުންގަޑިއަކީ އަންނަ އޮގަސްޓުމަހުގެ 31 ވަނަ ދުވަހެވެ.

މީރާއިން ބުނީ ހާލަތަށް އަންނަ ބަދަލަކާ ގުޅިގެން އަލަށް ކަނޑައެޅި ސުންގަޑިތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މީގެ އިތުރުން ޓެކުހަށްނުވާ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ އެހެންވެސް ފައިސާއެއްގެ ސުންގަޑިއަކާ ގުޅޭގޮތުން އެ ފައިސާއަކާ ގުޅޭ އިދާރާ ނުވަތަ އޮފީހުން ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ ނުވަތަ ކަނޑައަޅައިފިނަމަ، އެ ގޮތަކަށް އެ ސުންގަޑިއެއް ބަދަލުކުރެވޭނެކަމަށެވެސް މީރާއިން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!