އަންކިތާއާއިޕްރާތަނާ، އަދި އަންކިތާއާއި ސުޝާންތު

ސުޝާންތުގެ މަރާއެކު އަންކިތާ ވަނީ ހިތް ހަލާކު ވެފައި: ޕްރާތަނާ

ބޮލީވުޑުގެ ތަރި ސުޝާންތު ސިންގު ރާޖުޕުތު ކުއްލި ގޮތަކަށް އަމިއްލައަށް ދަންޖެހިގެން މަރުވުމާ ގުޅިގެން ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭގެ ހިތް ހަލާކުވެފައި ވާ ކަމަށާއި، މީޑިއާ ތަކުން އޭނާއަށް ފާޑުކިޔައި ރިޕޯޓުތައް ލިޔެ ނުހެދުމަށް، އެ ދެތަރިންނާ އެކީ މަސައްކަތް ކޮށްފައިވާ ޕްރާތުނާ ބެހެރޭ ބުނެފިއެވެ.

ސުޝާންތުގެ އެކްޓިންގ ކެރިއަރުގެ ފެށުން ކަމަށްވާ “ޕަވިތުރަ ރިޝްތާ” ގައި މަސައްކަތް ކޮށްފައިވާ ޕްރާތުނާ ބުނި ގޮތުގައި، ސުޝާންތުގެ މަރާ ބެހޭގޮތުން އަންކިތާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ، މީޑިއާ ތަކުން އަންނަނީ އަންކިތާއަކީ ވަރަށް ގޯސް މީހެއްގެ ގޮތުގައި ސިފަކުރަމުން ކަމަށެވެ. އަދި ސުޝާންތުގެ މަރުން އަންކިތާއަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބުނެ ފަތުރަމުން އަންނަނީ މުޅިން ދޮގު ވާހަކައެއް ކަމަށްވެސް ޕްރާތުނާ ބުންޏެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަ ދައްކަމުން ޕްރާތުނާ ކިޔައިދިން ގޮތުގައި، އޭނާއަށް ސުޝާންތުގެ މަރުގެ ޙަބަރު ލިބުނީ ނޫސްވެރިއަކު ގުޅާފައި އެކަމާ ބެހޭގޮތުން އޭނާގެ އިންޓަވިއުއެއް ހޯދުމަށް އުޅުމުންނެވެ. އަދި އެންމެ ފުރަތަމަ އެ ޙަބަރު އިވުމުން ޝޮކަކަށް ދިޔަކަމަށާއި، އެވާހަކަ ޤަބޫލު ކުރަން ދަތިވެގެން “ތި ދައްކަނީ ކޮން ސުޝާންތެއްގެ ވާހަކަތޯ” ނޫސްވެރިޔާ ކައިރީގައި އެހުނު ކަމަށް ޕްރާތުނާ ބުންޏެވެ. ހަމައެހެންމެ، އެ ކޯލު ނިންމައިލި ގޮތަށް އެންމެ ފުރަތަމަވެސް އޭނާ ގުޅީ އަންކިތާ އަށް ކަމަށް ބުންޏެވެ. “އަހަރެން ގުޅި އިރު އަންކިތާ ރޮނީ. ދެން އަހަރެން ގުޅީ މަހޭޝްއަށް. އޭނަވެސް ރޮނީ”، ޕްރާތުނާ ކިޔައިދިނެވެ.

ޕްރާތުނާ އަކީ “ޕަވިތުރަ ރިޝްތާ” ސިލްސިލާގައި އަންކިތާ ކުޅުނު އަރްޗަނާ ކެރެކްޓާގެ ކޮއްކޮގެ ރޯލު ކުޅުނު އެކްޓްރަސް އެވެ. އޭނާ ވަނީ އެ ޑްރަމާ ކުޅުނު ދުވަސްވަރު ސުޝާންތުއާ އުފެދުނު ގާތް އެކުވެރިކަން ވެސް ހިއްސާކޮށްފައެވެ. އެގޮތުން، އަންކިތާގެ ކޮއްކޮގެ ރޯލު ކުޅުމުން، އޭރު ލޯބީގެ ގޮތުން އަންކިތާއާ ގުޅިގެން އުޅުނު ސުޝާންތު ވެސް ޕްރާތުނާ ދެކުނީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައި ކަމަށް ބުންޏެވެ. “އަހަންނަށް ވަރަށް ރަނގަޅު ވާނެ ސުޝާންތު. އަހަރެމެން ދެމީހުން އެ ސިލްސިލާއާ ވަކިވީ ވެސް ދާދި އެކުއެކީ. އެއީ އަހަންނަށް މަރާޓީ ފިލްމަކުން ޖާގަ ލިބެގެން ވަކިވުމުން، އޭގެ 3-4 މަސް ފަހުން ސުޝާންތުވެސް ވަކިވީ ބޮލީވުޑުން ޖާގަ ލިބިގެން. ސުޝާންތުގެ ފުރަތަމަ ފިލްމުގެ ސްކްރީނިންގ އަށް ގެންދިޔަ އޭނާގެ ގާތް މީހުންގެ ތެރެއިން އަހަންނަށް ވެސް ދައުވަތު ދިން. އޭނަ ފިލްމީ ދާއިރާގައި ކާމިޔާބު މީހަކަށް ވާން ކުރި މަސައްކަތް އަހަރެން ވަރަށް ގާތުން ދުށިން”، މިހާރު މަރާޓީ ފިލްމުތަކުގައި ހަރަކާތްތެރިވާ ޕްރާތުނާ ކިޔައިދިނެވެ.

މީގެ އިތުރުން، ސުޝާންތުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ މަހޭޝް ޝެޓީއާ ގުޅުވައިގެން ވެސް މީޑިއާ ތަކުގައި ވަރަށް ގޯސްކޮށް ވާހަކަ ދެކެވޭތީ، ޕްރާތުނާ ވަނީ މަހޭޝްގެ ދިފާޢުގައި ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ސުޝާންތު އަމިއްލައަށް މަރުވުމުގެ އިރުކޮޅެއް ކުރިން މަހޭޝްއަށް ގުޅި ކަމަށާއި، އެކަމަކު މަހޭޝް އެ ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށްބުނެ ބައެއް މީހުން އަންނަނީ ސުޝާންތުގެ މަރާ ގުޅިގެން މަހޭޝް ކުށްވެރި ކުރަމުންނެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރާތުނާ ބުނީ، މަހޭޝްއަކީ މި ހުރިހާ އަހަރުތަކުގައި ވެސް ދެގޮތެއް ނުވެ ސުޝާންތު ކައިރީގައި ހުރި ހަމައެކަނި އެކުވެރިޔާ ކަމަށާއި، އޭނާ ކުށްވެރި ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، މަހޭޝް ޝެޓީއަކީ ވެސް “ޕަވިތުރަ ރިޝްތާ” ގައި މަސައްކަތް ކުރި އެކްޓަރެއް ކަމެވެ. ސުޝާންތުއާ މަހޭޝްގެ އެކުވެރިކަން ފެށުނު ކަމަށް ބެލެވެނީ ވެސް އެ ސިލްސިލާގައި މަސައްކަތް ކުރަން އުޅުމުގެ ތެރެއިންނެވެ. އަދި ސުޝާންތުއާ އަންކިތާގެ ލޯބީގެ ގުޅުންވެސް ފެށުނީ އެ ސިލްސިލާގެ ތެރެއިންނެވެ. ނަމަވެސް، މީގެ ފަސް ވަރަކަށް އަހަރު ކުރިން އެ ދެތަރިންގެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ.

ޒީޓީވީ އިން 2009 ވަނަ އަހަރު ގެނެސްދޭން ފެށި “ޕަވިތުރަ ރިޝްތާ” އަކީ ވަރަށް މަޤުބޫލުވެގެން ދިޔަ ޑްރާމާއެކެވެ. އޭގައި ސުޝާންތު ކުޅުނު މާނަވް ދޭޝްމުކްގެ ރޯލަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެއެވެ. ނަމަވެސް 2011 ވަނަ އަހަރު ސުޝާންތު އެ ސިލްސިލާއާ ވަކިވީ ބޮލީވުޑުގެ ކެރިއަރު ފެށުމަށްޓަކައެވެ. އެއާއެކު ދެން އެ ރޯލު އަދާކުރީ ޓީވީ އެކްޓަރު ހިތޭން ތޭޖްވާނީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!