ކައިލީ ޖެނާގެ އިންސްޓަގްރާމް ވިޔަފާރި މޮޑެލް އަށް ޖެހުނު ހާލު އެނގޭތަ؟

ކައިލީ ޖެނާގެ އިންސްޓަ-ވިޔަފާރި މޮޑެލް ގެ ވިޔަފާރި ފައިދާ ބިނާކޮށްފައި އޮތީ ދެ ކަމެއްގެ މައްޗަށެވެ. އެއީ ސްޕޮންސާރ ކުރާ ޕްރޮޑަކްޓް (މުދަލަށާއި) ބްރޭންޑެޑް މުދަލަށެވެ. ސްޕޮންސަރ ހޯދައިގެން އިންސްޓަގްރާމްގައި ސްޕޮންސާރ ދޭ ފަރާތުގެ މުދާ ވިއްކުމުގެ ހުނަރު ދަސްވާ ހިސާބުން އެމީހަކަށް އެއޮތީ އޭގެ ނުފޫޒުގައި ވިޔަފާރި ކުރިއަރުވާނެ މަގު ހުޅުވިފައެވެ. އެހިސާބުން އެހެން މީހުންގެ ބްރޭންޑްތައް ވިއްކުން ހުއްޓާލައި އަމިއްލަ ބްރޭންޑެއް ފަށައިގެން އަމިއްލަ ވިޔަފާރިން ފައިދާ ނެރެން ވީއެވެ.

މި ގޮތަށް އަމިއްލަ ވިޔަފާރި ފަށައިގަންނަ ފަރާތްތަކުން އެ ދޭ މެސެޖަކީ އެމީހުން ބިކިނީ މޮޑަލް އަކުން އަރައި ނުވަތަ އެމީހުން އެ ވިއްކި ނިޗް ޕްރޮޑަކްޓް ދޫކޮށް އަމިއްލަ މުދަލެއް ވިއްކާ ހިސާބަށް އެމީހުންގެ ނުފޫޒު ސޯޝަލް މީޑިޔާގައި ގަދަވެފައި ވާކަމެވެ.

ކައިލީ ޖެނާ ވަނީ 179 މިލިއަން ފޮލޯވަރުން ހޯދައިގެން އެ މީހުންގެ އެހީގައި ސްޕޮންސާރގެ ގޮތުގައި ލިބުނު ފައިސާއިން ބިލިއަން ޑޮލަރު އެއްކޮށްފައެވެ. އެއިން ފެށީ މަލްޓި މިލިއަން ޑޮލަރުގެ ކޮސްމެޓިކް ވިޔަފާރިއެކެވެ. އެއްކަލަ 179 މިލިއަން މީހުންނަށް (ފޮލޯވަރުންނަށް) އަމާޒުކޮށްގެން ވިޔަފާރި ކުރީ އާންމު ކޮށް މާކެޓް ކުރުމަށް މީހުން މި ގެންގުޅޭ ޓިވީ ރޭޑިޔޯ ނުވަތަ ޓްރެޑިޝަނަލް މާކެޓިންނަށް ލޯލާރިވެސް ހަރަދު ނުކޮށެވެ.

ކައިލީ ޖެނާގެ މި ވިޔަފާރި މޮޑެލް ވެގެން ދިޔައީ, އިންސްޓަގްރާމްގައި މަޝްހޫރު ކަން ހޯދަމުންދާ ނުވަތަ އެ މަޝްހޫރުކަން ބޭނުންވާ ފަރާތްތަކަށް ނަމޫނާއަކަށެވެ. އެ އެންމެން ގަބޫލު ކުރަމުން ދިޔައީ ކައިލީގެ މި މޮޑެލް އާއި އެއްގޮތަށް ކަން ކުރުމުން, އިންސްޓަގްރާމުން އެލިބިދޭ މަގުބޫލުކަމާއި މުއްސަނދިކަން ހާސިލް ވާނޭކަމަށެވެ.

ކައިލީ ޖެނާ އަށް ލިބިފައިވާ އެންމެ ޒުވާން ބިލިއަނަރުގެ މަގާމު ފޯބްސް އިން ނެގުމުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ބިލިއަނަރަކުން ކައިލީ 900ޑޮލަރުގެ މިލިއަނަރަކަށް ބަދަލުވި ވުމެއް ނޫނެވެ. ނޫނީ މުއްސަނދިކަން ދެއްކުމަށްޓަކައި ޓެކްސަށް މަކަރު ހަދައި ޓެކްސް ބޮޑުކޮށް ދެއްކި ދެއްކުމެއްވެސް ނޫނެވެ. ނަމަވެސް މައްސަލައަކީ އިންސްޓަގްރާމުގައި ލިބިފައިވާ މަގްބޫލުކަމާއި, މަޝްހޫރުކަމުގެ ޕްރެޝަރގައި ޓެކްސް ދައްކަން ޖެހޭވަރު ބަދަލުކޮށް ވިޔަފާރީގައި ފައިދާ ވާކަށް ނުވަތަ ވިޔަފާރި ކާމިޔާބުކަން ސާބިތުކުރުމަށް ކުރަންޖެހުނު މަސައްކަތެވެ. އެހެން ވާންޖެހެނީ އިންސްޓަގްރާމުގެ މަޝްހޫރުކަމުގައި, ކާމިޔާބު ވާކަން ދެއްކުން އެއީ, ހާޤީގީ ކާމިޔާބު ހާސިލު ކުރުމަށް ވުރެވެސް މާ މުހިންމު ކަމަކަށް ވެފައި އޮންނާތީއެވެ.

ފަރުދާ ކަހާލުމާއެކު އިންސްޓަ-އިގްތިސާދު ވެގެން މިދިޔައީ ހަމަ ކުޅޭ ކުޅޭ ޑްރާމާއަކަށެވެ. އިންސްޓަގްރާމްގެ ފޮލޯވަރުން ގިނަކޮށް އޭގައި ނުފޫޒު ގަދަކޮށްގެން އުފައްދާ ވިޔަފާރި މޮޑެލްގެ އަސާސަކީ ފޮލޯވަރުން ގިނަވި ވަރަކަށް ވިކޭ މިންވަރު (ސޭލްސް) ގިނަވާނެކަމެވެ. ގިނަ ފޮލޯވަރުން ތިބިއްޔާ ގިނަ މުދާ ވިކޭނޭ ކަމަށެވެ. ކައިލީ ޖެނާގެ ހަޤީގީ ސޭލްސް ނުވަތަ ވިޔަފާރީގައި މުދާ ވިކިފައިވާ މިންވަރު ހާމަވުމުން އެނގިގެން ދިޔައީ މިއީ މުޅިއަކުން އަދި މިކަން އޮތް ގޮތެއް ނޫންކަމެވެ. ކައިލީ ޖެނާ ވަނީ ފާއިތުވި އަހަރު ތަކުގައި މިލިއަނުން ފޮލޯވަރުން ހޯދާފައެވެ. ނަމަވެސް އިތުރުވި ފޮލޯވަރުންނާއި އަޅާބަލާއިރު ގާތް ކުރާ މިންވަރަކަށްވެސް ވިޔަފާރި މުދާ އިތުރަށް ވިކިފައެއް ނުވެއެވެ.

ކެއިލީ ޖެނާގެ ހަޤީގީ ސޭލްސް ހާމަވުމުން 2016 އާއި 2018 އާއި ދެމެދު މުދާ ވިކިފައިވާ މިންވަރު ނުވަތަ ސޭލްސް %62 ދަށްވެފައި ވާކަން އެނގެއެވެ. މި ހުރިހާ އިރަކު ސޯޝަލް މީޑީޔާގެ ފޮލޯވަރުން ދިޔައީ އިތުރުވަމުންނެވެ.

ކައިލީ ޖެނާ މަޝްހޫރުކަން އިންސަޓަގްރާމް ގައި ހޯދުމުގައި އޭނާގެ ސެލެބްރިޓީ އާއިލާގެ އެހީ ލިބުނެވެ. ކޮންމެ މީހަކީ އިންސްޓަގްރާމުގައި މި ފުރުސަތު ލިބިގެން މަޝްހޫރުކަން ހޯދޭ މީހެއް ނޫނެވެ. އިންސްޓަގްރާމުގައި އެވަރުގެ މަޝްހޫރު ކަމެއް ހޯދުމަށްޓަކައި ކުރަންޖެހޭ ޚަރަދުވެސް މިހާރަކު ވަކި ކުޑައެއް ނޫނެވެ. ކައިލީ ޖެނާއަށް އޮތް މި ހުރިހާ ފަސޭހަ ތަކާއި އެކުވެސް, ޖެހުނީ ވިޔަފާރީގައި އެވަރު ފައިދާއެއް ވާކަން މަކަރު ހަދައިގެން ދައްކާށެވެ. އެހެންކަމުން އާންމު މީހާއަށް އޮތް ގޮންޖެހުންތައް މިއަށް ވުރެ މާ ބޮޑުވާނެ ކަމަށް ގަބޫލު ކުރަންޖެހެއެވެ.

މިހުރިހާ ކަމެއް މިހެން ހުއްޓަސް އިންސްޓަގްރާމުގައި ނުފޫޒު އޮތް ފަރާތްތަކުން ކުރިއަށް އޮތްތާގައި ކުރާ ވިޔަފާރިތައް ދާނީ ހަމަ ކުރިއަށެވެ. އަދި މި ވިޔަފާރިތަކަށް ވަންނަ މީހުންވެސް މަދެއް ނުވާނެއެވެ. ނަމަވެސް ކެއިލީ ޖެނާގެ މި ވިޔަފާރި މޮޑެލް އަށް ޖެހުނު ހާލުން އެނގިގެން ދިޔައީ މިއީ ކުރިން ގަބޫލުކުރެވުނު ވަރުގެ ވަރުގަދަ ފައިދާހުރި ވިޔަފާރި މޮޑެލް އެއް ނޫންކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!