ޑައިޓުގައި އުޅޭ މީހުންނަށް ފިނިފެންމާ ސައި

ބަރުދަން ލުއިކުރަން ޑައިޓު ކުރާ މީހުންނަށް ގްރީން ޓީ އަކީ ކޯއްޗެއް ކަން އެނގޭނެއެވެ. ނަމަވެސް، ބަރުދަން ލުއިކުރަން ރޯޒް ޕެޓަލް ޓީ ނުވަތަ ފިނިފެންމާ ސައި ބޮއެ އުޅޭކަން އެނގޭ ހެއްޔެވެ؟

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ފިނިފެންމަލުގެ ފިޔަ އަކީ ސިއްހީ އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެއީ ތެދެއްކަން ގަބޫލުކުރަން ޖެހޭ އެއް ސަބަބަކީ ރީތިވާން ބޭނުންކުރާ ވަރަށް ގިނަ އުފެއްދުންތަކަށް ވެސް ފިނިފެންމާ ބޭނުން ކުރާތީއެވެ.

ހަމައެހެންމެ، ފިނިފެންމާ ސަޔަކީ ވެސް ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ހާއްސަކޮށް ހިކެން ބޭނުންވާ މީހުންނަށް މިއީ ރަނގަޅު ހޮވުމަކަށް ވެދާނެ އެވެ. ފިނިފެންމާ ސައި ބާޒާރުން ހޯދާކަށް ވެސް މިހާރު މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ފިނިފެންމާ ގަސްތައް ގެންގުޅޭ ނަމަ އަމިއްލަ އަށް ވެސް ފިނިފެންމަލުން ސައި ތައްޔާރު ކޮށްލެވިދާނެ އެވެ.

ފައިދާތައް

– ދިރާސާތައް ދައްކާ ގޮތުގައި ފިނިފެންމަލުގެ ފިޔަ އަކީ އިންފްލަމޭޝަނާ ދެކޮޅަށް މަސައްކަތް ކުރާ ގިނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެއް. އަދި އިންފްލެމޭޝަނާއި ބަރުދަން އިތުރުވާ ވެސް ގުޅިފައިވާ ކަމަށް ދައްކާތީ ބަރުދަން ލުއިކުރަން ފިނިފެންމާ ސަޔަކީ ރަނގަޅު ހޮވުމަކަށް ވާނެ

– ނިފެންމާ ސައި ކޮންމެ ދުވަހަކު ބޭނުން ކުރުމަކީ ބަނޑުހައިވުން ވެސް ކުޑަކޮކޮށްދޭނެ އެއްޗެއް. އޭގެ ނަތީޖާ އަކީ ސިއްހަތަށް ރަނގަޅު ނޫން ފާޑުފާޑުގެ ކެއުންތަކާއި ބުއިންތަކާ ދުރުކޮށްދީ، ބަރުދަން ލުއިކޮށްދޭން އެހީވޭ

– ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ އެކި ކަހަލަ މައްސަލަތަކުން ވެސް ރައްކާތެރިކޮށްދޭން އެހީވެދޭ. އަދި މިއީ ބަނޑު ހަރުވުމާއި ބޭރަށް ހިންގުން ފަދަ ކަންކަމަށް ވެސް ރަނގަޅު ބުއިމެއް

– ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭ އެއްޗަކަށް ވާއިރު، ހަށިގަނޑުގައި އުފެދޭ އެކި ކަހަލަ އިންފެކްޝަންތަކުން ރައްކާތެރިވާން ވެސް މި ސައި މުހިއްމު ދައުރެއް އަދާކޮށްދޭނެ

ތައްޔާރު ކުރާނެ ގޮތް

 ތާޒާ ފިނިފެންމަލުން ސައި ތައްޔާރުކުރާ ނަމަ އެއްވެސް ބާވަތެއްގެ ޕެސްޓިސައިޓެއް ނެތް ފިނިފެންމާ ހޯދާފައި ރީތިކޮށް ދޮވެލައި ފިޔަތައް ވަކިކޮށްލާށެވެ. މަދުވެގެން ދެ ޖޯޑުގެ ފިޔަ ރަނގަޅު ވާނެއެވެ. ދެން ފެނުގައި ފަސް ވަރަކަށް މިނިޓަށް ކައްކާށެވެ. އެ އަށް ފަހު ފުރާނާލައިގެން ބޯލާނީ އެވެ. ރަހަ އިތުރަށް ރަނގަޅުކޮށްލަން ބޭނުން ނަމަ މާމުއި ވެސް އެޅިދާނެއެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!