އަމޭޒަންގެ ސިއީއޯ ބިލިއަނަރ ޖެފް އަށް ކަސްޓަމަރެއް ރުޅިއައިސްގެން ހިތްހަމަ ނުޖެހިގެން ފޮނުވި އީމެއިލް އަކަށް އަމިއްލަ އަށް ޖަވާބު ދެއްވައިފިއެވެ.
މި އީމެއިލް ޖެފް އަށް އަށް ފޮނުވި ޑޭވް ނަމަކަށް ކިޔާ މީހާގެ ފުރިހަމަ ނަމެއް އެފަރާތުން ހާމަ ކޮށްފައި ނުވެއެވެ. މި އީމެއިލްގައި ޑޭވިޑް ވަނީ ބްލެކް ލައިވްސް މެޓާރ ހަރަކާތަށް ބިލިއަނަރު ޖެފް ތާޢީދު ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
“ތިއީ ގަމާރެއް ނަމަ ޔަގީނުންވެސް ތިހާ ބޮޑު މުއްސަނދި ކަމެއް ހޯދައި ނުގަނެވޭނެ” ކަމަށް ބުނެ އީމެއިލް ފަށާފައިވެއެވެ.
“ބްލެކް ލައިވްސް މެޓާރސް އަށް ތާޢީދު ކޮށް ކަލޭ ނެރެފައިވާ ބަޔާން ފެނުނީ ތި ކުންފުނިން މުދަލަކަށް އޯޑަރު ޖަހަމުން ދަނިކޮށް” ކަމަށް އީމެއިލްގައި ވެއެވެ. “މިހާރު އެ އޯޑަރު ކެންސަލް ކޮށްފިން. އަހަންނަށް ޔަގީން އަހަރެން ނޫން އެތައް ބަޔަކު މިގޮތަށް އޯޑަރުތައް ކުރިއަށް އޮތްތާގައި ކެންސަލް ކުރާނެ” ކަމަށް އީމެއިލް ގައި ބަޔާން ކޮށްފައި ވެއެވެ.
މި އީމެއިލް ޖެފް ވަނީ އޭނާގެ އިންސަޓަގްރާމް އެކައުންޓުގައި ޝެއަރ ކޮށްފައެވެ.

“ތިއީ އަހަރެން އުފަލާއި އެކު ގެއްލިގެން ދިޔުމަށް އެދޭ ވައްތަރުގެ ކަސްޓަމަރެއް” ކަމަށް ބުނެ ޖެފް ވަނީ އެ އީމެއިލަށް ޖަވާބު ދެއްވާފައެވެ.
ބިލިއަނަރ ޖެފް ވަނީ 10 މިލިއަން ޑޮލަރު ބްލެކް ލައިވްސް މެޓަރސް މޫވްމެންޓަށް ހަދިޔާ ކޮށްފައެވެ. އަދި ޖެފް ބިޒޯސް އާއި އޭނާގެ ޓީމް ދަނީ މި ހަރަކާތަށް ތާޢީދު ކުރާކަން ފާޅުކޮށް, ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ.
އިންސްޓަގްރާމް ގައި ޖެފް މި ހަރަކާތަށް ތާޢީދު ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ނަފްރުގެ ބަސްތައް އަމާޒުވި ކަމަށް ވަނީ ހާމަ ކޮށްފައެވެ.
ބްލެކް ލައިވްސް މެޓަރސް އަކީ ދުނިޔޭގައި, ހާއްސަކޮށް އެމެރިކާގައި ހަމުގެ ކުލަ ކަޅު މީހުންނާއި މެދު, ހައްދު ފަހަނަ އަޅާފައިވާ ދޮން މީހުން ގެންގުޅޭ ތަފާތުކުރުންތަކާއި ދެކޮޅަށް އުފައްދާފައިވާ ހަރަކާތެކެވެ. އެމެރިކާ ފުލުހުންގެ ތެރޭގައި ހިމެނޭ ދޮން މީހުން ވަނީ އެއްވެސް ކުށެއް ނެތި އެތައް ކަޅު މީހުންނެއް މަރާފައެވެ. އެމެރިކާއަކީ ދޮން މީހުން ނޫން މީހުންނާއި މެދު ތަފާތުކުރުން ގިނަ ގައުމެކެވެ.