ސްކޫލުތަކުގައި ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމު މެދުކަނޑާލަނީ

އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު، ރާއްޖޭގެ ސްކޫލުތައް ހުޅުވާއިރު ސްކޫލުތަކުގައި ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމު ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކަށް ދަރިވަރުން ފޮނުވާއިރު އެކުދިންނަށް އެއްޗެއް ކާންދިނުމަށް ފަހު ފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. 

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލަކަށް ހެނދުނުގެ ނާސްތާ ސަރުކާރުން ދެމުން އަންނަތާ އެއް އަހަރު ވަނީ ވެފައެވެ. މި އަހަރު ކޮވިޑް އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމާ ހަމައަށް ސްކޫލްތަކުގައި ކުދިންނަށް ހެނދުނުގެ ނާސްތާ އައީ ސަރުކާރުން ދެމުންނެވެ.

މިދިޔަ އަހަރުން ފެށިގެން ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވަނީ ފައްޓާފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޓާމްގައި 25 ސްކޫލަކަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ޕައިލެޓް ފެށުމަށްފަހު މިދިޔަ އަހަރުގެ ދެވަނަ ޓާމްއާ ހަމައިން ސަރުކާރުގެ 213 ސްކޫލެއްގައި ރަސްމީކޮށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ފާށާފައެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަައުދުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!