ފަހުވަގުތު ހުއްދަ ލިބުނަސް ޙައްޖަށް މީހުން ފޮނުވާނަން: މިނިސްޓަރ

ހައްޖަށް ދިޔުމަށް ފަހު ވަގުތުވެސް ފުުރުސަތެއް ލިބިއްޖެ ނަމަ ރާއްޖެއިން ހައްޖަ ދާނެ ކަމަށް އިސްލިމް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ގައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން ހައްޖަށް ނުގެންދަވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖެއިން ހައްޖަށް ދެވޭނެ ގޮތަށް ސައުދީ ސަރުކާރުން ހުޅުވާލައިފިނަމަ އެ އިންތިޒާމު ހަމަ ޖައްސާނެ ކަމަށެވެ.

“އެންމެ ފަހުވަގުތާ ހަމައަށްވެސް ދިވެހިރާއްޖެއަށް ފުރުޞަތު ލިބިެއްޖެކަމަށް ވެއްޖެނަމަ ޙައްޖަށް މީހުން ގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އަޅުގަނޑުމެން ބަލާނީ އެންމެ ފަހު ވަޤުތާއި ހަމައަށްވެސް ފުރުޞަތެއް ލިބޭތޯ. ފުރުޞަތެއް ލިބިެއްޖެކަމަށްވަންޏާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނަން.” އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ރިޔާޢަތްކޮށް ޤައުމުތަކުން ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ޤައުމުތަކުން ޙައްޖަށް މީހުން ގެންދެވޭނެ އެންމެ މަދު ޢަދަދެއް ކަނޑައަޅައިގެން އެފުރުޞަތު ދިނުމަށް ސަޢުދީ ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން އެނގިވަޑައިގެންފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މީހުންނަށް ފުރުޞަތު ދެމުން އައިސްފައިވީނަމަވެސް މިއަހަރު ދެލައްކަ ހަތްދިހަ ހާސް މީހުން ޙައްޖަށް ގެންގޮސް އަދި ވަކި އިންތިޒާމްތަކާއެކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޤައުމުތަކަށް ހުޅުވާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ސަޢުދީ ސަރުކާރުން މިހާރުވެސް ބައްލަވަމުންއެދަނީ ދެލައްކަ ހަތްދިހަ ހާހަށްވެސް ތިރިކޮށްގެން އެހުރިހާ ޚިދުމަތްތަކެއް، ޙައްޖުވެރިންނަށް ފޯރުކޮށްދީ އަދި ބަލިވެއްޖެކަމަށްވާނަމަ ކަރަންޓީން ފެސިލިޓީސްތަކަށް ގެންދިއުމާއި މިހުރިހާ ކަންތައްތަކަށް ރިޢާޔަތްކޮށް އެބޭފުޅުންނަށް ޙައްޖުގެ އަޅުކަމަށް ހުޅުވާލެވިދާނެތޯ. ދިރާސާކުރައްވަމުން އެ ގެންދަވަނީ. އެބޭފުޅުންނަށް، އެގޮތަށްވެސް އިންތިޒާމްތައް ފުރިހަމަކޮށްދެވޭނެކަމަށް ޤަބޫލުކުރެވެނީނަމަ އެންމެ ފަހުވަގުތާހަމައަށްވެސް އެފުރުޞަތު ޤައުމުތަކަށް ހުޅުވަލާނެ. އަޅުގަނޑުމެންވެސް އުންމީދުކުރަމުން މިދަނީ ހުޅުވާލައިފިއްޔާ ޙައްޖަށް ގެންދިއުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް.” ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާ ރާއްޖެ ކުރިމަތިލީ ޙައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ކުންފުނިތައް ހޮވުމަށް މިނިސްޓްރީން އިޢުލާންކޮށް، އެމިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!