ބްރިޖުން ފުންމާލި މީހަކު ސަލާމަތްކުރި ފުލުހުންނަށް ސީޕީ ޝުކުރު އަދާކުރައްވައިފި

ޖޫން 06 ވަނަ ދުވަހު ސިނަމާލެ ބްރިޖުން މޫދަށް ފުންމާލި މީހަކު ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މެރިން ޕޮލިސްގެ ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ސިންމާލެ ބްރިޖުން މީހަކު ފުންމާލި ކަމުގެ މައުލޫމާތު ޖޫން 06 ވަނަ ދުވަހު 15:46 އެހައިކަންހާއިރު ފުލުހުންގެ ކޮމާންޑް ސެންޓަރަށް ލިބުމާއެކު އެ މައުލޫމާތު ފުލުހުންނާއި ވަނީ ހިއްސާ ކުރެވިފައެވެ. އަދި މައުލޫމާތު ލިބުމާއެކު، 15:53 ހާއިރު މެރިން ޕޮލިސްގެ ފުލުހުންނަށް ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގޮސް އޭނާ ވަނީ ސަލާމަތް ކޮށްފައެވެ.

“އެ ސަރަހައްދަށް ގޮސް ބެލިއިރު ބްރިޖުގެ އެންމެ އުސް ދިމާލު ކަނޑުގައި ހަރަކާތެއް ނެތި ބަނޑުވަތަށް އޮތް މީހަކު ފެނުނެވެ. އެމީހާ ފެނުމާއެކު، ޕޮލިސް 54 ނަންބަރު ލޯންޗުގައި ދަތުރުކުރި 4 ފުލުހުންގެ ތެރެއިން ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙަނީފް ޙުސައިން އާއި ޕޮލިސް ސަރޖަންޓް ޢަބްދުލް ޙަސީބް ޢަބްދުލް ހަމީދު މުދަށް ފުންމާލައި އެމީހާ އުއްޑުން ޖަހައި ލޯންޗުގައި ދެން ތިބި ޕޮލިސް ކޯޕްރަލް އާދަމް މުޙައްމަދާއި ޕޮލިސް ކޯޕްރަލް އާދަމް ހާނިމް ގެ އެހީތެރިކަމާއެކު ލޯންޗަށް މީހާ ނަގައި ސީޓް މަތީގައި މީހާ ބޭއްވުމަށް ފަހު އަވަސް ފަރުވާ ދޭންފެށި އެވެ.” ފުލުހުން ވިދާޅުވިއެވެ.

ލޯންޗަށް މީހާ ނެގި ވަގުތު އެމީހާ ފުން ނޭވާއެއް ލިއެވެ. އަދި ލޯންޗަށް ނަގައި ސީޕީއާރު ދިނުމުން ބޮވިފައިހުރި ލޮނުތައް ބޭރުވެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިމާލެ ފެރީޓަރމިނަލް އަށް ލޯންޗު ކައިރިކޮށް އެ ސަރަހައްދުގައި އޮތް ޕިކަޕެއްގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާއި ބައްދަލު ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެމީހާ ސަލާމަތް ކުރުމުގައި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ދެއްކެވި ސާބިތުކަމަށާއި ހިތްވަރަށް ޝުކުރު ދަންނަވާކަމަށެވެ.

މީގެ އިތުރުން، މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފާއި ފަޚުރު ކަމަށާއި ހުރިހާ ފުލުހުންވެސް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކެން ކޮމިޝަނަރ އޮފް ޕޮލިސް އެދިލެއްވިއެވެ.

ފުލުހުންގެ އަގު ވަޒަންކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާބްދުލް މަންނާން ޔޫޞުފާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙާއި މެރިން ޕޮލިސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!