ސުޝާންތުގެ މަރާ ގުޅިގެން ސޮނާކްޝީ ކުރި ޕޯސްޓަކަށް ފާޑުކިޔުން

މިދިޔަ އާދިއްތަ ދުވަހު ދަންޖެހިގެން މަރުވި ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ ވަކިވުމާ ގުޅިގެން އެއްބަޔަކު އެކަމުގެ ނަމުގައި އަމިއްލަ ފައިދާއަށް ވާހަކަ ދައްކަމުން ދާ ކަމަށް ބުނެ ސޮނާކްޝީ މިއަދު ޓްވިޓާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެން، ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

ސޮނާކްޝީގެ ޓްވީޓު

ލަފާކުރެވޭ ގޮތުގައި، ސޮނާކްޝީގެ ޕޯސްޓު އަމާޒުކޮށްފައިވަނީ ކަންގަނާ ރަނައަތު އަށެވެ. ސަބަބަކީ، ސުޝާންތުގެ މަރާ ގުޅިގެން ކަންގަނާ ޙިއްސާކުރި ވީޑިއޯއެއްގައި، ބޮލީވުޑަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާތީއެވެ. އެގޮތުން ކަންގަނާ ފާހަގަކުރި ގޮތުގައި، ނަން މަޝްހޫރު އާއިލާއަކުން ނޫން ގޮތަށް އައިސްފައި ތިބި ތަރިންނަށް، އެމީހުންނަށް ލިބެން ޖެހޭ އިޙުތިރާމާއި ނަމެއް ބޮލީވުޑަކުން ނުދެއެވެ. ސުޝާންތަކީ ވެސް އެކަހަލަ މީހެއް ކަމަށާއި، އޭނާގެ ކާމިޔާބު މަސައްކަތްތައް ބޮލީވުޑުން އެންމެ އެދެވޭ ގޮތަށް ފާހަގަކޮށްފައި ނުވާކަމެއް ބުނެ ކަންގަނާ ވަނީ ވާހަކަ ދައްކާފައެވެ.

ކޮންމެއަކަސް، ކަންގަނާއަށް ދިން ރައްދެއްގައި ގޮތުގައި ސޮނާކްޝީ ކުރި ޕޯސްޓުގައި ބުނީ، ގެއްލިގެން އެ ދިޔައީ “އަހަރެމެންގެ އާއިލާގެ މެމްބަރެއް” ކަމަށާއި، މީހަކު މަރުވުމުން ދޭން ޖެހޭ އިޙުތިރާމު އޭނާއަށް ވެސް ދޭން ޖެހޭނެ ކަމަށެވެ. “އަހަރެމެންގެ އާއިލާ” އޭ ސޮނާކްޝީ ބުނީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތް ކޮށެވެ. ހަމައެހެންމެ، މީހެއްގެ މަރާ ގުޅުވައިގެން އަމިއްލަ ބޭނުމަށް ވާހަކަ ދައްކާ މީހުންނަކީ ވަރަށް ދަށު ދަރަޖައިގެ ބައެއް ކަމަށާއި، އެމީހުން އަބަދުވެސް ވާނީ ދަށު ދަރަޖައިގެ ބަޔަކަށް ކަމަށް ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީގެ އެ ޕޯސްޓާ ގުޅިގެން، އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން އޭގެތެރެއިން އެއްބަޔަކު ސުވާލު ކުރި ގޮތުގައި، ސުޝާންތު ޑިޕްރެޝަންއާ ހަނގުރާމަ ކުރަމުން ދިޔައިރު، ސޮނާކްޝީ އެބުނާ “އާއިލާ” އޭރު ކޮބައިތޯއެވެ. އަދި ސޮނާކްޝީ އަކީ ނަން މަޝްހޫރު އާއިލާއަކުން އައިސްފައިވާ ތަރިއަކަށް ވުމުން، އަމިއްލަ މަސައްކަތުން ކާމިޔާބީއާ ހަމައަށް ވާސިލުވާ ތަރިންގެ އުނދަގޫތަކެއް އޭނާއަކަށް ނުވިސްނޭނެއެވެ. އެހެންކަމުން ސޮނާކްޝީމެން ފަދަ ތަރިން މަޑުން ހުރިއްޔާ މާ ރަނގަޅު ވާނެ ކަމަށް ބުނެފައިވެއެވެ.

ސޮނާކްޝީއަށް އަމާޒުވެފައިވާ ބައެއް ފާޑުކޔުން

34 އަހަރުގެ ސުޝާންތު މަރުވީ، ޑިޕްރެޝަނާ ހަނގުރާމަ ކުރާތާ ދުވަސްތަކަކަށް ފަހުގައި ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ. ސުޝާންތު މަރުވި އިރު، އޭނާ ކުޅެފައިވާ އެންމެ ފަހުގެ ފިލްމަކީ ހޮލީވުޑުގެ ފިލްމު “ދަ ފޯލްޓް އިން އަވާ ސްޓާސް” ގެ ހިންދީ ރިމޭކު ކަމަށްވާ “ދިލް ބެޗާރާ” އެވެ. އެ ފިލްމު އަދި ރިލީޒް ކޮށްފައެއް ނުވެއެވެ. ސުޝާންތުގެ މަރާ ގުޅިގެން ބޮލީވުޑުގެ ފުންނާބު އުސް އެތައް ތަރިންނެއް ވަނީ ތައުޒިޔާ ކިޔައި މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އޭގެތެރޭގައި ޝާހްރުކް ޚާން، ސަލްމާން ޚާން އަދި ދިޕިކާ ޕަޑުކޯން ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!