މަޙޭޝް ޝެޓީ އަދި ސުޝާންތު ސިންގް: މިއީ ވަރަށް ގާތް ދެ އެކުވެރިން

ސުޝާންތު މަރުވީ ޑިޕްރެޝަނަށް ބޭނުންކުރާ ބޭސްތައް ކެއުން ހުއްޓާލައިގެން އުޅެނިކޮށް

މިދިޔަ އާދިއްތަ ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑު ތަރި، ސުޝާންތު ސިންގް ރާޖްޕުތު މަރުވިއިރު އޭނާ ބޭނުންކުރާ އެންޓި-ޑިޕްރެސަންޓު ބޭސްތައް ކެއުން ހުއްޓާލާފައި ވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ސުޝާންތުގެ ގާތް އެކުވެރިއެއް ކަމަށްވާ މަހޭޝް ޝެޓީ ބުނެފިއެވެ.

ސުޝާންތު އާ އެކީ “ޕަވިތުރަ ރިޝްތާ” ގައި ވެސް މަސައްކަތްކުރި މަހޭޝް ފުލުހުންނަށް ކިޔައިދިން ކަމަށް ރިޕޯޓުތަކުގައި ވާގޮތުން، ސުޝާންތަކީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ޤަވާއިދުން ބޭސް ކަމުން އައި މީހެކެވެ. ނަމަވެސް މަރުވުމުގެ ދުވަސްކޮޅެއް ކުރިން އެ ބޭސްތައް ކެއުން ހުއްޓާލާފައިވާ ކަމަށް ސުޝާންތުގެ ގޭގައި މަސައްކަތް ކުރާ މީހާ މަހޭޝް ކައިރީގައި ބުނި ކަމަށް މަހޭޝް ކިޔައިދިނެވެ. އެއާއެކު، މަހޭޝް ސުޝާންތަށް ގުޅާފައި އެހުމުން، އޭނާ މިހާރު ރަނގަޅު ކަމަށާއި، އެ ބޭސްތައް ކާން ނުޖެހޭ ކަމަށް ބުނި ކަމަށް ވެއެވެ.

ހަމައެހެންމެ، ބައެއް ރިޕޯޓުތަކުގައި ސުޝާންތުގެ މާލީ ޙާލަތު ދަށްވެގެން އޭނާ އަމިއްލައަށް މަރުވީ ކަމަށްބުނެ ޙަބަރު ފަތުރާތީ، މަހޭޝް ވަނީ އެކަން ދޮގުކޮށްފައެވެ. މަހޭޝް ބުނި ގޮތުގައި، ސުޝާންތު އުޅުނީ ފުދިގެން ކަމަށާއި، އެއްވެސް ފައިސާގެ ދަތިކަމެއް އޭނާއަށް ކުރިމަތިވެފައި ނުވާ ކަމަށެވެ.

ބައެއް ރިޕޯޓުތަކުގައި ވާގޮތުން، ސުޝާންތު ދަންޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ގާތް އެކުވެރިޔާ މަހޭޝްއަށް ގުޅި ކަމަށްވެއެވެ. ނަމަވެސް އެކަމާ ބެހޭގޮތުން މީޑިއާތަކުން ސުވާލު ކުރުމުން މަހޭޝްގެ ސްޕޯކްސްޕާސަން ބުނީ، މަހޭޝްގެ ބޭބެއެއް ފަދަ ގާތް އެކުވެރިއެއް ގެއްލިގެން ދިޔުމުން އޭނާ ހުރީ ފުން ހިތާމައެއްގައި ކަމަށާއި، އެކަމާ ބެހޭގޮތުން ވާހަކަދައްކަން އަދި ތައްޔާރު ނޫން ކަމަށެވެ.

ސުޝާންތު ސިންގް، 34، އެންމެ ފުރަތަމަ ބެލުންތެރިންގެ ސަމާލުކަން ހޯދީ 2009 އަހަރު ޒީޓީވީ އިން ދައްކަން ފެށި “ޕަވިތުރަ ރިޝްތާ” ޑްރާމާ ސިލްސިލާއިންނެވެ. އޭގައި އޭނާ ކުޅުނު މާނަވް ދޭޝްމުކްގެ ރޯލަށް ގިނަ ބައެއްގެ ލޯބި ލިބިގެންދިޔައެވެ. ނަމަވެސް 2011 ވަނަ އަހަރު އެ ސިލްސިލާއާ ސުޝާންތު ވަކިވީ، ބޮލީވުޑުގެ ކެރިއަރު ފެށުމަށެވެ. އޭގެފަހުން ސުޝާންތު ވަނީ ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެތެރެއިން “ކައި ޕޯ ޗޭ”، “އެމް.އެސް ދޯނީ” އަދި “ކެދަރުނާތު” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!