އީއައިބީ އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނެއް ދީފި

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ) އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނެއް ދީފިއެވެ.

އީއައިބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެހީއަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ހީނަރުކަމުން އަރައިގަތުމަށާއި، ވަޒީފާތައް ރައްކާތެރިކޮށް އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ވެސް ދާއިރާތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

އީއައިބީން ވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭ ނުހިމެނޭ ގައުމުތަކަށް އެހީވުމަށް 5.2 ބިލިއަން ޔޫރޯގެ ޕެކޭޖެއް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފައެވެ. މިއީ ކޯވިޑް19 އާއި ގުޅިގެން އީއައިބީއިން އޭޝިއާގެ ގައުމަކަށް ދިން ފުރަތަމަ ލޯނެވެ.

މި ލޯންއާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ އީޔޫ އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށާއި މި އެހީގެ ސަބަބުން ވިޔަފާރިތަކަށް އެހީވުމަށް ކުރަމުންދާ މަސައްކަތަށާއި އަދި ކޯވިޑް އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ކުރާ މަސައްކަތައް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

މި ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!