މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު އެންމެން އެއްބައިވަންތަވެ ގައުމު ބިނާކުރަންވީ ވަގުތު ކަމަށާ ޖަޒުބާތާ ފުރައްސާރަ ކުރުން އާންމު ކޮށްގެން އެކަން ނުކުރެވޭނެ ކަމަށް ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
ސައުދު ވިދާޅުވީ ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް އެ މަސައްކަތް ކުރައްވާނީ ގައުމު ބިނާ ކުރުމުގެ ރިވެތި ނަމޫނާއާއެކު ކަމަށެވެ. އަދި މިއީ ރައީސް ސޯލިހުއާއި އެކު އެންމެން އެއްބައިވެ ގައުމު ބިނާކުރަނވީ ވަގުތު ކަމުގައި ވެސް ސައުދު ވިދާޅުވިއެވެ.
“މިއީ ރައީސް ސޯލިހާއެކު އެންމެން އެއްބައިވެ ގައުމު ބިނާކުރަންވީ ވަގުތު، ޖަޒްބާތުގަ ފުރައްސާރަކުރުން އާއްމުކުރަންވީ ވަގުތެއް ނޫން. ވެރިކަމަށް އައުމަށް މަސައްކަތް ކުރަންވާނީ ގައުމު ބިނާކުރުމުގެ ރިވެތި ނަމޫނާއާއިއެކު. ވީރާނާ ކުރުމުގެ ނަމޫނާ ދައްކައިގެނެއްނޫން.” ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އިސްލާހީ ހަރަކާތުގެ ނަމުގައި ހިންގިހާ ސިޔާސީ ހަރަކާތްތަކުން ގެނެވުނު އިސްލާހާއި ވީ ރަގަޅަށްވުރެ ގައުމަށް ލިބުނު އިޖްތިމާއި އިގްތިސޯދީ ގެއްލުން ކުޑަ ނޫން ކަމަށެވެ. މި ވަގުތަކީ އެ ގެއްލުންތަކުން ގައުމު އަރައިގަތުމަށް ސިޔާސީ އިސްވެރިން ދަރާފައިވާ ހިދުމަތުގެ ދަރަނި އަދާކުރަންވީ ވަގުތު ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ދިމާކޮށްލައި ފުރައްސާރަ ކުރުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
މިކަމާގުޅިގެން އެމްޑީޕީގެ މެންބަރުން، ރައީސް ވަހީދަށް އަމާޒުކޮށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ