އޮފީހުގައި ލޮކްޑައުންވެގެން ތިބި ސްޓެލްކޯގެ 217 މުވައްޒަފުންގެ އަގުވަޒަންކޮށްފި

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަރަންޓުގެ އަސާސީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެތަކެއް ދުވަހެއް ވަންދެން އޮފީހުގައި ލޮކްޑައުންވެގެން ތިބި ސްޓެލްކޯގެ 217 މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

މި 217 މުވައްޒަފުންނަކީ މާލެ، ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ ސްޓެލްކޯގެ ބްރާންޗުތަކުގައި ލޮކްޑައުންވެގެން މަސައްކަތްކުރި މުވައްޒަފުންނެވެ.

60 ދުވަަހަށް ފަހު މުވައްޒަފުން ލޮކްޑައުނުން ދޫކޮށްލާފައި ވަނީ ހޯމަ ދުވަހެވެ. ސްޓެލްކޯ މުވައްޒަފުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ކުންފުނިން ވަނީ ހަނދާނީ ލިޔުންދީފައެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި ނިއު ނޯމަލްގެ އުސޫލުތަކާއެކު ބޭއްވި ރަސްމިއްޔާތެއްގައި، މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. ވިލިމާލޭގައި ލޮކްޑައުންވެގެން ތިބެގެން މަސައްކަތްކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފެވެ. އަދި ހުޅުމާލޭގައި ތިބި މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.

ލޮކްޑައުންގައި ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ތިބި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން މުޣުނީ ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެ މުވައްޒަފުންގެ ފަރާތުން ފެނުނު ކެތްތެރި ކަމަށް ސްޓެލްކޯގެ އެމްޑީ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!