ނަޝީދު މިހާރު އެދިވަޑައިގަންނަވަނީ ދީނާއި ހިލާފު ވާހަކަދެއްކި ކަމަށް ބުނާ މީހާގެ މައްސަލަ ނުބަލަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ނުބެލުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް ނަޝީދުގެ އަރިހުން މި ސަރުކާރުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުގައި ހުންނަވައިގެން އެ ވީޑީއޯގެ މައްސަލަ ތަހުގީގެއް ހިނގައި އިންސާފު ލިބޭނެތޯ އައްސަވައިފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިމްރާނަކީ މިނިސްޓަރު ކަމުގެ އަހްލާގާއި ގާބިލް ކަން ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ، ތައުރީފު ކުރައްވާފައެވެ. ނަޝީދު ވަނީ އިމްރާން އެ ވީޑިއޯގެ މައްސަލަ ބައްލަވާނެ ކަމުގެ ސަތޭކަ އިންސައްތަ ޔަގީން ކަން ދެއްވާފައެވެ.

އެހެން ނަމަވެސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހަގީގަތުގައި އެދިވަޑައިގަންނަވަނީ އެ މައްސަލަ ތަހުގީގު ނުކުރުމަށް ކަމަށާއި މީގެ ކުރިން ވެސް އެމަނިކުފާނަށް މީހުން ފާޑުކިޔާފައިވާ ކަމަށެވެ.

އެކަމަކު މި މައްސަލަ ބެލުމަށް އެދި މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅީ ނަޝީދު އެދިވަޑައިގެންނެވުމުންނެވެ. އެމީހަކު އެވާހަކައެއް ދައްކާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކަމަށްވެ އެވެ. ނަޝީދު މި މައްސަލަ ބަލަން އެދިވަޑައިގެން ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

ކުއްލިއަކަށް ނަޝީދު އެ މައްސަލަ ނުބެލުމަށް އެދިވަޑައިގެންފައި މިވަނީ އިއްޔެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަގުމަތިން ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފުލުހުންނަށް ހުށަހެޅުއްވުމުންނެވެ. އެމްޑީޕީން ބުނެފައިވަނީ އެއީ މައްސަލައެއް ނޫންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!