ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯތި ލިބިވަޑައިގެން ގޮތާ މެދު ބައެއް މީޑިއާތަކުގައި ދެކެވެމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ގަމު ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގޯއްޗަށް އެދި ހުށަހެޅި ފޯމު އިވެލުއޭޓް ކުރުމަށްފަހު ޕޮއިންޓް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް ދިނުމުގައި ޢަމަލު ކޮށްފައިވާނީ ކައުންސިލްގެ ގޯތި އިވެލުއޭޓްކުރާ ކޮމެޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.
އެގޮތުން ރަށުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދިނުމުގައި ކައުންސިލްގެ ގޯތި އިވެލުއޭޓް ކުރާ ކޮމެޓީން ކަނޑައަޅާފައިވާ މިންގަނޑުތައްވެސް ބަޔާނުގައި ބަޔާންކޮށްފައި ވެއެވެ.
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑުތައް:
- ރަށުން ބޭރު މީހެއް ނަމަވެސް ގޯއްޗަށް އެދުނު މީހާ ރަށުގެ ރަށްވެސަކާއި ކައިވެނި ކޮށްގެން އުޅުން
- ދެމަފިރިންގެ ދަރިން ގަމުގައި ރަށްވެހިވެފައި އޮތުން
ކައުންސިލުން އެހެން ބުނެފައިވާއިރު، މެމްބަރު ޖީހާން މާލޭގައި ދިރިއުޅުއްވާ ފަރާތަކަށްވެފައި، ރަށުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް ލިބިވަޑައިގަތުމުން ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި އެއީ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.
ކައުންސިލުން ބުނީ، މިފަދަ މީހުން ރަށުން ބޭރުގައި ދިރިއުޅެމުން ދިޔަ ނަމަވެސް ގަމުގައި ދިރިއުޅޭ ނަމަ ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް އެމީހަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އުސޫލަށް ފެތޭގޮތަށް ހުރި ހުރިހައި ފަރާތްތަކަށް ދޭންޖެހޭ ޕޮއިންޓުތައް ދެވިފައިވާ ކަންވެސް ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
މެމްބަރު ޖީހާންއަށް ގޯތި ލިބިވަޑައިގެން ގޮތާމެދު ދެކެވޭ ވާހަކަތަކާއި، އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން އެންމެ ފަހުން ޖީހާން ވަނީ ގޯތި ދޫކޮށްލުމަށްވެސް ނިންމާފައެވެ.