މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން، ތަރައްޤީ އަށް ހުރި ގޮންޖެހުންތައް ހިމަނައިގެން ވާލްޑް ބޭންކުން އެކުލަވާލި ރިޕޯޓް އާންމު ކޮށްފައިވާއިރު، އެގޮތުން އިއާދަކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ، ކޮވިޑް-19އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
މި ރިޕޯޓްގައި ދިވެހިރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްސަ ބާބެއްވެސް ހިމެނިފައިވެއެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން، ހުރިހާ ދިވެހިންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުންދިޔަ ކަމުގައިވީ ނަމަވެސް، އެތެރެކުރެވޭ ޑީސަލް އާއި ކޮންމެ ރަށެއްގައި ވަކިވަކިން ޤާއިމް ކުރެވިފައިވާ ކަރަންޓްގެ ވިއުގަތަކުގެ ސަބަބުން ކަރަންޓް އުފެއްދުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާކަން ބަޔާން ކޮށްފައިވެއެވެ.
ދައުލަތުގެ މާލިއްޔަތުން ސަބްސިޑީ ދެމުން ދިޔައަސް، މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެކަން ރިޕޯޓްގައި ބުނެފައިވަނީ، އެއީ އާއްމުންނަށް އުފުލަންޖެހޭ އިތުރު ބުރައެއް ކަމަށެވެ.
މި ދަތިތައް ހައްލުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އަމިއްލަ ފަރާތްތަކުން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ރިޕޯޓްގައި ހުށައަޅާފައި ވެއެވެ.
އޭގެ އިތުރުން، އެކަމުގެ ސަބަބުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުވާނެ ކަމަށާއި، ވަޒީފާގެ އިތުރު ފުރުޞަތުތައްވެސް ހުޅުވިގެންދާނެކަން ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
އެކަމާ ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ ރިޑިހޯ ވިދާޅުވެފައިވަނީ، އިއާދަކުރަނިވި ހަކަތައަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށެވެ.