ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ގާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވަނީ ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، އާތަރް މުހްތާރުއެވެ.
މާލޭގައި ގާއިމްކޮށްފައި ހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.