ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުންނަށް އިއްޔެ ހެނދުނު ކަސްރަތުގައި އުޅުއްވަނިކޮށް، އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރު، “ބާގީ” އޭ ގޮވި ހަނދާން ނުވާކަމަށް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބުނީ އެ ހާދިސާ ހިނގާދިޔަގޮތް އެނގިފައިވާ ގޮތުގައި އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާގީ” ގެ ނަމުން ވަހީދަށް މުހާތަބުކުރައްވާފައި ވަނީ، އޭނާއާ ދިމާއަށް ވަހީދު ވަނަމަކުން ގޮވައި މުހާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށެވެ. އަދި އެމްޑީޕީގެ ގިނަ ބަޔަކު ވަނީ ޖައުފަރުގެ ދިފާއުގައި ނިކުމެފައިއެވެ.
އެކަމާއި ގުޅިގެން މިއަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއާ ގުޅިގެން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްއަކީ ވަރަށް ބޭކާރު ބަހުސްއެއް ކަމަށެވެ.
އެގޮތުން ޖައުފަރު، އެމަނިކުފާނަށް ނިސްބަތް ކުރައްވާ، “ބާގީ” އޭ ގޮވި ހަނދާން ނުވާކަމަށާއި އޭނާ ގޮވާފައި ވަނީ “ހަރާ* ***” ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ “ގައުމު ބަނޑު އަ** **” ފަދަ ތަފާތު ބަސްތަކުން މުހާތަބު ކުރި ކަމަށެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އިއްޔެ ޑރ. ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހާދިސާ ހިނގީ އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ތިއްބާ ކަމަށާއި އަދި އެކަން ވަގުުތުން ފުލުހުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.