މާދަމާއިން ފެށިގެން ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޙިދުމަތް އަލުން ފެށުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޙިދުމަތް ދެމުންގެންދާނީ ކޮންމެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. މި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓްގެ އުސޫލުން ކަމަށާއި އެޕޮއިންޓްމެންޓް ހެދުމަށް އެ އެއޮތޯރިޓީގެ ނަންބަރު 7919292 މެސެޖުކުރުމަށް އެމްއެމްއޭއިން އެދެއެވެ.
އެޕޮއިންޓުމަންޓު ހެދުމަށް ފޮނުވާ މެސެޖުގައި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތުގެ ނަން، އައިޑީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ގުޅޭނެ މޮބައިލް ނަންބަރު އަދި ހޯދަން ބޭނުންވާ ޚިދުމަތް ލިޔަންޖެހެއެވެ. އެސްއެމްއެސް އަދި ވައިބަރ މެދުވެރިކޮށް މެސެޖް ފޮނުވޭނެ ކަމަށާއި އޮތޯރިޓީ އަށް ދާންވީ ތާރީޚާއި ގަޑި މެސެޖަކުން އަންގާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ޚިދުމަތް ހޯއްދެވުމަށް ދާއިރު އެޗްޕީއޭއިން ދީފާއިވާ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.