ދިވެހި ފުލުހުން ތިބެން ޖެހޭނީ ސޯޓު ލައިގެން، ދަނޑިބުރި ދީފައި މަގުމައްޗަށް ނެރެފައި ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ފުލުހުންނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ވޭތުވެދިޔަ 30 އަހަރުގައިވެސް ފެނިގެންދަނީ މީހުންނަށް އަނިޔާ ކުރާ މީހުންނަށް އެއްވެސް ކަހަލަ އަދަބެއް ނުލިބި މިނިވަން ކަމާއި އެކީ އުޅެމުން އަންނަތަން ކަމަށެވެ.
އޭނާ ވިދާޅުވީ، ޖަލުގައި އެތަށް ބަޔަކު ބައިތިއްބައިގެން އެބަޔަކު މަރާ ލޭ އޮހޮރުވާ ޖަލުގައި އެތައް ބަޔަކު ގެއްލުވާ ވަޅުލާފައިވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ކުޑަ ކުއްޖަކު ރޭޕް ކުރުމުން އެކަން ބަލާލާނެ ފުލުހަކުވެސް ނެތް ކަމަށެވެ. އަދި ފުލުހުންގެ އަނިޔާ އެކި ފަރާތްތަކަށް ލިބުނު ކަމަށާއި، އެކަންކަން ބަލާނެ އެއްވެސް ފަރާތެއްވެސް ނެތްކަމަށް ވިދާޅުވި އެވެ.
“މާ ސްމާޓް އެއްޗެހި ލައްވާފަ ބައިތިއްބާކަށް ނުޖެހޭ، އިއްޒަތްތެރި ރައީސް. ސަރުދާރުންގެ ގޮތުގައި ނެރެންވީ ކުދި ދަނޑިބުރިއެއް ދީފައި… އަޅުގަނޑުމެނަށް ފެންނިގެން މިދާ މަންޒަރުތަކަކީ އެމީހުނަށް އަދި އެކަހަލަ ބާރެއް ދީފިއްޔާ ދެން އަދި އެއަށްވުރެއް މާ ނުބައި ކަންތައްތައް ވެގެންދާނީ، އިއްޒަތްތެރި ރައީސް. މި މުއައްސަސާ ހަމަ އިންގޮތަށް ބަދަލުކުރަންޖެހޭ.” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ މުއައްސަސާ ލާމަރުކަޒު ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން މެމްބަރު މުހައްމަދު ރަޝީދު ވަނީ ފުލުހުންގެ ޔުނިފޯމްވެސް ބަދަލުކުރުމަށް ގޮވާލާފައެވެ.
އަދި ފުލުހުންނަކީ ރައްޔިތުންނަށް އެއްބާރުލުންދޭ ބައެއްގެގޮތުގައި ބޭތިއްބުމަށް މެމްބަރު މުހައްމަދު ރަޝީދުވަނީ ގޮވާލައްވާފައެވެ.