ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެންބަރަކު ނެރެން ޖެހިއްޖެ ހާލަތުގައި އެކަން ކުރުމަށް މަޖިލީހުގެ ތަޅުމަށް ސިފައިން ގެންނާން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ސިފައިން މަޖިލިސް ކުރާ މާލަމަށް ވައްދައިގެން ކަންކަން ކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި މެމްބަރުންނަށް އެކަން ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެއްވެސް ގޮތަކަށް މަޖިލީހަށް ސިފައިން ވަންނަން ނޭދޭކަމަށާއި އެގޮތަށް އެކަން ވާނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
“އެއީ ދެން ވަރަށް ބޮޑު ފެއިލިއައަކަށް ވާނީ މަޖިލީހުގެ ރައީސަކަށް މިތަނަށް ބަރު ހަތިޔާރާ އެކީގަ ސިފައިން ވަންނަން ޖެހުން. މިހެން ދަންނަވާއިރުވެސް އަޅުގަނޑު ދަންނަވާނަން މާދަމާވެސް ހަމަ އަޅުގަނޑުމެންނަށް މިކަން ކުރާން ޖެހިދާނެ އެނގޭތޯ.” ނަޝީދު ވިދާޅުވިއެވެ.