ރައްޔިތުން މަޖިލިހުގެ ރައީސްގެ ވީޑިއޯ މައްސަލަ ޙަޤީޤަތުގައި ތަޙުޤީޤު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގައި މިވީޑިޔޯ ތައްޔާރުކުރައްވައި އެންމެ ފުރަތަމަ މީސްމީޑިޔާގައި ޢާންމު ކުރެއްވީ މިހާރުގެ ހޯމް މިނިސްޓަރު ކަމުގައިވާތީ އެމައްސަލަ ތަޙުޤީޤުކުރެއްވޭނެތޯ ސުވާލުކުރުމުން ޖަވާބުގައި ނަޝީދު ވިދާޅުވީ ޙަޤީޤަތުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެވީޑިޔޯގެ މައްސަލަ ނުބެލުން ކަމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، އަމިއްލަފުޅަށް އެދިވަޑައިގަންނަވަނީ އެ ވީޑިއޯގެ މައްސަލަ ތަހުގީގު ނުކުރުންކަން ވެސް ފާހަގަކުރެއްވި އެވެ.
ހަމައެހެންމެ ޢިމްރާނު ވަޒީރުކަމުގެ އަޚުލާޤާއި މަސައްކަތުގެ ސުލޫކާމެދު އެއްވެސް ޝައްކެއް ނެތް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އެގޮތަށް އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ފާޑުކިޔުން އެއީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާތީ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.