މެޑިކަލް އިކުއިޕްމެންޓްސް ގަތުމުގައި ޒާތީ މަންފާއެއް ލިބޭ ގޮތަށް އަމަލު ކޮށްފައެއް ނުވާނެ: އައިޖީއެމްއެޗް

އައިޖީއެމްއެޗަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓްސް ގަތުމުގައި މުވައްޒަފުން މެދުވެރިވެ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް އަމަލު ކޮށްފައި ނުވާނެ ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފަކު ވަކި މީހަކަށް ފައިދާވާ ގޮތަށް އިކުއިޕްމަންޓު ހޯދާކަމުގައި ބުނެ އެމީހާގެ ފޮޓޯޖަހައިގެން ސޯޝަލް މީޑިއާގައި ބަޔަކު ފަތުރަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ހިމެނޭ ގޮތަށް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ހޯދުމުގައި އެ ހޮސްޕިޓަލުން އަމަލު ކުރަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަންގެ އަމަލަކަށް މަގުފަހިވާ ކަމެއް ހިނގާ ކަމަށް ޝައްކު ކުރެވޭނަމަ އެކަން އޭސީސީ އަދި މިނިވަން މުއައްސަސާ ތަކަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން އައިޖީއެމްއެޗްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އައިޖީއެމްއެޗްގެ އެއްވެސް މަޝްރޫއެއްގައި ނުވަތަ ހޮސްޕިޓަލަށް ގަންނަ އެއްވެސް އެއްޗެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭނަމަ އެކަން އޭސީސީއަށް ހުށަހެޅުމަކީ ހޮސްޕިޓަލުން އެކަމަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް ކަމުގައި އައިޖީއެމްއެޗްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ހޮސްޕިޓަލުގެ މުވައްޒަފުން ބަދުނާމު ކޮށް، އެމީހުންގެ އަބުރު ގެއްލޭގޮތަށް ހަގީގަތެއް ނެތް ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާއިރު، ހޮސްޕިޓަލުގެ ބަހެއް ނެތި އެފަދަ މައްސަލަތައް މީޑިއާ ތަކުން ރިޕޯޓު ކުރާކަން މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މީޑިއާގެ މިފަދަ އަމަލުތަކަކީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމުގައި އައިޖީއެމްއެޗުން ދެކޭކަމަށްވެސް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!