ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކެއްގެ މައުލޫމާތު، ޑާކް ވެބްގައި ލީކުވި މައްސަލަ ބަލަން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އިން ފާސްކޮށްފި އެވެ.
އެ މައްސަލަ ބަލަން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މި މައްސަލަ ބެލުމުގެ ބޭނުމަކީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ބޭންކުން އަޅާނެ ފިޔަވަޅުތައް ބެލުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ކާޑު ޕާޓްނަރުންގެ ތެރެއިން ބޮޑު ވިޔަފާރިއަކުން ކާޑުތަކެއްގެ މައުލޫމާތު ލީކްވެފައިވާކަން އެނގިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އެގޮތުން މުޅި ޖުމްލަ 350 ބީއެމްއެލް ކާޑުގެ މަައުލޫމާތު ޑާކް ވެބްގައި ވަނީ ލީކުކޮށްލައިފައެވެ. އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ މައުލޫމާތު ލީކްވި ކާޑުތައް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. އަދި ރިޕްލޭސްމަންޓް ކާޑުތައް އެ ކަސްޓަމަރުންނަށް ދޫކުރަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.