އަންނަ އޮގަސްޓު މަހު ސްރީލަންކާގައި ބާއްވާ ޕާލިމެންޓު އިންތިހާބުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތައް ޓެސްޓު ކުރުމުގެ ގޮތުން އެގައުމުގައި ‘މޮކް’ އިންތިހާބެއް ބާއްވައިފި އެވެ.
ލަންކާގެ ހަތަރު ޑިސްޓްރިކްޓެއްގައި އިއްޔެ ބޭއްވި ޓެސްޓު އިންތިހާބުގައި ވޯޓު ލާން ދިޔަ މީހުން ތިބީ މާސްކު އަޅައިގެން، ކިޔޫގައި ތިން ފޫޓުގެ ދުރުމިން ބަހައްޓައިގެންނެވެ. އަދި އޮފިޝަލުން ތިބީ ޕްލާސްޓިކް ސްކްރީންތަކުގެ ފަހަތުގައި ނުވަތަ ފޭސް ޝީލްޑް އަޅައިގެންނެވެ.
އެ މޮކް އިންތިހާބުގެ މަގުސަދަކީ އާ ފިޔަވަޅުތަކަށް މީހުން ހޭނެއްވުމާއި ވޯޓު ލާން އިތުރު ގަޑި ބޭނުން ވޭތޯ ބެލުމެވެ.
ލަންކާގެ ޕާލިމެންޓު އިންތިހާބު ބާއްވަން ފުރަތަމަ ހަމަޖެއްސި ތާރިހަކީ އޭޕްރިލް 25 އެވެ. ދެން ޖޫން 20 އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ދެ ފަހަރު ވެސް އިންތިހާބު ބާއްވަން ރައްކާތެރި ނުވުމުން އިންތިހާބު ލަސް ކުރީ އެވެ.
ލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް މިހާރު އެ ފިޔަވަޅުތައް ވަނީ ލުއިކޮށްފަ އެވެ.