ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް، މާފަންނު މާފުށީގޭ ނިއުމަތު ޝަފީޤުގެ ނަން ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ހުށަހެޅުއްވި ނިއުމަތު ޝަފީޤުގެ ނަން ދިރާސާކޮށް މިމަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމުގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުމަކީވެސްޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސައްކަތެކެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25000 ރުފިޔާއެވެ. އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއެވެ.