ބަލިޖެހޭ މީހުން ގިނަވެ އިންޑިއާގެ ރޭލުތައް ވަގުތީ ވޯޑުތަކަށް ބަދަލުކުރަނީ

އިންޑިއާގައި ކޮވިޑް ޖެހޭ މީހުން އިތުރުވެ ރޭލުތަކުގައި ވޯޑު ހަދައި ބަލިމީހުންނަށް ފަރުވާދޭން ނިންމައިފިއެވެ.

ވަގުތީ ހޮސްޕިޓަލުތަކުގެ ގޮތުގައި ބޭނުން ކުރުމަށް 500 އެއްހާ ރޭލްވޭ ކެރިޖު މޮޑިފައި ކުރަން ހަމަޖެހިފައިވާ ކަމަށާ، ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ހާއްސަކޮށްގެން 8000 އެއްހާ އެނދު ހަމަޖެހިގެންދާނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ވެރިރަށް ނިއު ދިއްލީގައި ކޮރޯނާވައިރަހާ ދެކޮޅަށް އާ ފިޔަވަޅުތައް އަޅާނެ ކަމަށާއި އޭގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުން ފުޅާކުރާނެ ކަމަށެވެ.

އިންޑިއާ މިހާރު ހިމެނީ ކޮރޯނާވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 333008 އަށް އަރާފައެވެ. އާދިއްތަ ދުވަހު އެކަނިވެސް ވަނީ 11،382 މީހުން ޕޮޒިޓިވްވެ 321 މީހުން މަރުވެފައިވައިރު މިހާތަނަށް 9،520 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 169،689 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!