ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށާއި ރައްޔިތުންނަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން ގޮވާލައްވައިފި އެވެ.
ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ މީހަކު ބޭނުންކޮށްލި ލަފްޒަކުން “ތިމަންނަ އަށް ހަމަލާދިން” ކަމަށް ވިދާޅުވެ، ވަހީދު ޓުވީޓު ކުރައްވާފައިވާތީ، ފުލުހުން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވަހީދު އުޅުއްވަނީ ރާއްޖޭގެ މުސްތަގުބަލު ނަގާލަން ކަމަށް ވިދާޅުވެ، އެމަނިކުފާނު ހައްޔަރު ކުރުމަށް އޭނާ ވަނީ ޕޮލިސް ކޮމިޝަނަރަށް ގޮވާލައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ގައުމުގެ މުސްތަގުބަލަށް ކުރިއަށް ދާން ރައްޔިތުން ބޭނުންވެގެން އެމްޑީޕީގެ ސަރުކާރު އަނެއްކާ ގެނައި ނަމަވެސް ކުރިން ހިނގައި ދިޔަ ކަންކަން ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.
“ރައީސް ވަހީދު ކުރި ބަޣާވާތާ ހަމައަށް [ފުލުހުން] ތަހުގީގު ކޮށްގެން ހުއްޓާލައިގެން ނުވާނެ. ރައްޔިތުންގެ ވޯޓަކުން އިންތިހާބުވި ވެރިއެއް ނޫން. ރައްޔިތުންނަށް އެތައް އަނިޔާއެއް ދީފައި ހުރި މީހަކަށް ދިވެހިން ވެރިންނަށް ހައްގު އިނާޔަތް ދިނުމަށް އަޅުގަނޑަކަށް ނުފެނޭ.” އީވާ ވިދާޅުވި އެވެ.
މީގެ އިތުރުން މެންބަރުން ވިދާޅުވީ ރައީސް ވަހީދަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތަކަށް އަނިޔާ ދީފައިވާތީ ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާއި ބޮޑު އޮފީސްތައް ހިންގުމުގެ ހައްގު ރައީސް ވަހީދަށް ލިބިގެން ނުވާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖޯރޭ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.