ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީން އަނބުރާ ގައުމުތަކަށް ފޮނުވަން އުނދަގޫ: މިއުވާން

ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ތެރެއިން ކޮވިޑް19 އާ ގުޅިގެން، ރާއްޖެއަށް އައި މީހުން އަލުން އަނބުރާ ގައުމުތަކަށް ފޮނުވަމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިހާތަނަށް 14 ގައުމަކުން 2000 އާ ގާތްކުރާ އަދަދަކަށް ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެކި ޤައުމުތަކުގައި ތިބި ދިވެހިން އަދިވެސް ރާއްޖެއައުމަށް އެދެމުން އަންނަ ކަމަށެވެ.

މިއުވާން ވިދާޅުވީ ރާއްޖެ ގެނައި ކިޔަވާ ކުދިންގެ ޓެސްޓުތައް ފަށަން ހަމަޖެހިފައިވާތީ، އަނބުރާ ދާން އެކުދިން އެދެމުން އަންނަ ކަމަށާއި ނަމަވެސް ގިނަ ގައުމުތަކުގެ ބޯޑަރުތައް އަދިވެސް ބަންދު ކަމަށާއި، އަދި ބޯޑަރު ހުޅުވާލި މަދު ގައުމުތަކުގައި ވެސް ހިފެހެއްޓުންތަކެއް ހުރިކަން މިއުވާން ފާހަގަކުރެއްވި އެވެ.

އެކި ޤައުމުތަކުގައި ތިބި 2000 އެއްހާ ދިިވެހިން މިހާތަނަށް ރާއްޖެ ގެނެސްފައި ވާއިރު، ފޮރިން މިނިސްޓްރީން ދަނީ އިތުރު ޤައުމުތަކުގައި ތިބި ރާއްޖެއައުމަށް ބޭނުންވާ ދިވެހިން ގެނައުމަށްޓަކައި އިތުރު ފްލައިޓުތަކެއް ބޭއްވުމުގެ ކަންކަން ހަމަޖައްސަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!