ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އާއި އާއްމު ރައްޔިތަކާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައި އޭނާއަށާއި އަނބިކަނބަލުންނަށް ހަމަލާދިންކަމަށް ބުނެ، އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ބާރާއި ނުފޫޒުން ނުހައްގުން އޭނާއަށް އަނިޔާދިނުމަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ ރައީސް ވަހީދަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން “ބަޣާވާތަކުން” ވައްޓާލައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވި ފަހުން މަގުމަތީގައި އިހުތިޖާޖު ކުރި އެތައް ހާސް ރައްޔިތުންނަށް ނުހައްގުން އަނިޔާކޮށްފައިވާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
އަދި ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އާންމު ރައްޔިތަކާ ދެމެދު ހިނގި ދެބަސްވުމެއްގައި އޭނާ އަށާއި އަނބިކަނބަލުންނަށް ހަމަލާދިން ކަމަށް ބުނެ ދޮގު ހަދައި ހަގީގަތާއި ޚިލާފު އިލްޒާމުތަކެއް އަޅުވައި ބިރު ދައްކާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
“މަގުމަތިން ބައްދަލުވެ އަނގައިން ބުނެލި ބަހަކަށް ލަފުޒަކަށްޓަކައި ދޮގާ މަކަރުގެ ބަދުނާމެއް އަޅުވައިގެން ބާރާ ނުފޫޒުން ފުލުހުންނަށް މައްސަލަ ހުށަހަޅައި އޭނާއަށް އަނެއްކާވެސް ނުހައްގުން އިތުރު އަދަބެއް އަނިޔާއެއް ދޭން މަސައްކަތްކުރަމުން ގެންދާތީ މިކަން ސަރުކާރާއި މިމަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅަން” ވަހީދު ވިދާޅުވިއެވެ.
އެ ކުއްލި މައްސަލައަށް ބަހުސް ހުޅުވާލަން ފެންނަ ކަމަށް ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ.