އެސްއޯއީ ކޮމިޓީއިން އިންޓަރނޭޝަނަލް އެއަރޕޯޓުތައް ތައްޔާރުވެފައިވާ މިންވަރު ބަލަނީ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު އިންޓަރނޭޝަނަލް އެއަރޕޯޓުތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފިއެވެ.

މި ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާއިރު، ރައްޔިތުންގެ މާލީ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. އަދި އެއާޕޯޓްތައް އަލުން ހުޅުވާއިރު ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިން ތަކަކީވެސް ޔޫއެންޑަބްލިއުޓީއޯ، އައިކާއޯ އަދި އަޔާޓާގެ މިންގަނޑުތަކަށް ފެތޭގޮތަށް ޑްރާފްޓް ކުރެވިފައިވާ ގައިޑްލައިންތަކެއް ކަމަށާއި، އެއާ އެއްގޮތަށް އަމަލު ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީ ވެސް ވަނީ އެކަމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި ކޮމިޓީން ވެސް އެކަމުގެ ޚާއްސަ އިރުޝާދެއް ނެރުން މުހިއްމުކަން ފާހަގަކުރައްވައި މެމްބަރު ހުސައިން ވިދާޅުވީ، އެއާޕޯޓްތަކުގައި އެކަށީގެންވާ މިންވަރަށް ސިއްޙީ އިންތިޒާމުތައް ހަމަޖެހިފައި ހުރިތޯ ކަށަވަރު ކުރުމަށާއި، ސިވިލް އޭވިއޭޝަނުން އެކަމާ ގުޅިގެން ކަނޑައަޅާފައިވާ މިންގަނޑުތައް ކޮމިޓީން ސާފު ކުރުމަށް ހުށައަޅުއްވާ ކަމަށެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީގެ މި ހުށައެޅުއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަޙީދުއާއި، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ޤާސިމްއާއި، ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

އެގޮތުން ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވީ، އެސްއޯއީ ކޮމިޓީގެ ސަބް ކޮމިޓީން އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރެއްވުމުން އައްޑޫ އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރު މިހާރު ފުރިހަމައަށް ސާފުވެފައިވާ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ، ބާކީ ތިބި އެއާޕޯޓްތައް ތައްޔާރުވެފައި އޮތް މިންވަރު ވެސް ކޮމިޓީން ލިއުމުން ސާފު ކުރަން ޖެހޭ ކަމަށެވެ. އަދި މެމްބަރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ތައްޔާރީތަކާއި، އެއާޕޯޓްތަކުގެ ޙާލަތު ބެއްލެވުމަށް ވެސް މެމްބަރު ހަލީމް ހުށައަޅުއްވާފައިވެއެވެ. މި ހުށައެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީއެވެ.

ޖުމުލަކޮށް ކޮމިޓީގެ މެމްބަރުން ވަނީ އެޗްޕީއޭއިންނާއި، ޓޫރިޒަމް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީއާއި، ސިވިލް އޭވިއޭޝަނާއި، އެމްއޭސީއެލް އަދި އައިލެންޑް އޭވިއޭޝަނުން އެއާޕޯޓްތައް އަލުން ހުޅުވާއިރު ވެފައިވާ ތައްޔާރީތައް ސާފު ކުރުމަށް މެމްބަރުން ނިންމާފައެވެ. އެގޮތުން ކަމާއިގުޅޭ މައުލޫމާތުތައް ސާފު ކުރުމަށްފަހު އެމްއޭސީއެލްއާއި އައިލެންޑް އޭވިއޭޝަންގެ ކަމާބެހޭ ފަރާތްތަކާ ބާއްދަލު ކުރުމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކޮށްފައިވެއެވެ.

މައުލޫމާތު ހޯދާ ސާފުކުރަމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި މާފަރު އިންޓާރނޭޝަނަލް އެއަރޕޯޓާ ގުޅޭގޮތުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށް އެތަން ތައްޔާރުވެފައިވާ މިންވަރު ބެލުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ކަމާބެހޭ ފަރާތްތައް ހާޒިރުކުރާއިރު، އިންޓަރނޭޝަނަލް އެއަރޕޯޓުތައް އޮޕަރޭޓްކުރާއިރު ހުންނަން ޖެހޭ މިންގަނޑުތަކުގެ ގައިޑުލައިން ގައި ހިމެނޭ ކަންތައްތަކާއި އެއްވަރަށް އެމްއޭސީއެލް އަދި އައިލެންޑް އޭވިއޭޝަނުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ދަނީ އަންނަ މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިންނަށް މަރުހާބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!