(ހަވަނަ ބައި)
“އުހުން .ފުރަތަމަ ޒިޔާން.” ޒިޔާންގެ އެ އުފާވެރިކަމުގައި ބައިވެރިވެލާން ބޭނުންވެފައި ހުރި ވަރުން އަހަރެން ބުނެލީމެވެ.
” އެގޭނތަ ..މިގެއިން އަހަރެންނަށް ވަރަށް ރީތި ކުއްޖަކު ފެނިއްޖެ.” ޒިޔާން މޭގައި އަތް އަޅާލައިގެން ލަދުރަކި ކަމާއެކު އެބުނި އެއްޗަކުން އަހަރެންގެ ގާތަށް ހިނިއައެވެ.
” އަދިވެސް ހެނީތަ..މަށަށް ލޯބިވެވުނީއޭ..ފުތަމަ ނަޒަރުން ” އަހަރެންނަށް ނިންއަރުވާލަމުން ޒިޔާން ތެދުވެ އިށީދެލިއެވެ.
” ތިހެންވިއްޔާ ތި ވަރަށް ފުރިހަމަ ކުއްޖަކަށްވާނެ..މަށަށް ނުވެސް ދައްކާލަމެންނު..ގެއްލިދާނެތީތަ؟ ” އަހަރެން ސަމާސާ ކޮއްލީމެވެ.
” ނޫނޭ. މަމީ ނިޔާއެއް ނޫނޭ..ގެއްލިދާނެތީވެ ލޯބިވާގެ ފޮޓޯއެއްވެސް އެހެންމީހަކަށް ދައްކާ ނުލާ އުޅޭކަށް..” ޒިޔާންގެ އެބަސްތަކުން އަހަރެންގެ މާޒީ ލޮލުގެ ކުރިމަތީގައި އެބުރިލިއެވެ. ނީނާއާއި އެކު ހޭދަވި އުފާވެރި ދުވަސްތަށް ހަދާންވެ ލޮލަށް ކަރުނަޖަމާވިއެވެ.
” އޯ ސޮރީ .ދެރަކުރާކަށް ނޫން..މަޖާ ކޮއްލީ..ސޮރީ ވަރަށްބޮޑަށް .” އަހަރެންނަށް އައި ބަދަލު ޒިޔާނުއަށް ފާހަގަވީ ކަންނޭގެއެވެ. އަހަރެންގެ ގާތަށް ޖެހިލާފައި ހިތްހެޔޮ ކަމާއެކު ކޮޑުގައި އަތް ޖައްސާލިއެވެ.
އަހަރެން ލޯފޮހެލަމުން ތެދުވީމެވެ. އަދި ހަމަޖެހޭގޮތް ދައްކާލަމުން ހިނިތުންވެލީމެވެ.
” ދެން މިހާރު އެކުއްޖާކޮބާ ؟ ކަންފުޅެއް ވާގޮތްވެއްޖެތަ؟” އަހަރެން ސަކަރާތްޖަހާލީމެވެ.
” ނުވޭ ނިޔާ..އެދުވަހަށްފަހުން ނުފެނިގެން މިއުޅެނީ..އެކަމަކު ހޯދާނަން.ގޮވައިގެން ރަށަށްދާނީ.” ޒިޔާންގެ އަޒުމު ވަރުގަދައެވެ.
ދެމީހުންގެ ލޯބި ހާސިލްވެގެން ރަށަށް ދެވޭނެ ނަމަ ހާދައުފާވެރިވާނެއެވެ.
” ހިނގާ ނީނާ ހޯދަން… ” ޒިޔާންހިވީ އަހަރެންގެ ހިތުތެރޭގައި ފިނާލާފައި ނިކުންހެނެވެ. އަހަރެންގެ އުފަލާ ދޭތެރޭ އަހަރެންނަށްވުރެ ބޮޑަށް ޒިޔާނު ވިސްނާކަށް އަހަރެންނަށް އިހްސާސްވިއެވެ. އުފަލުން ޒިޔާންގެ ގައިގާ ބައްދާލެވުނެވެ.
ތައްޔާރުވެލައިގެން ދެމީހުން ނިކުތީ ބޭރަށް ދިއުމަށެވެ. އިއްތިފާޤަކުންވިޔަސް މާލެއިން ލޯބިވާ ކުދިންނާ ބައްދަލުވޭތޯއެވެ.
” އާދޭ ސައިބޯން ” ބަޑުހައިވެފައި ތިބުމުން ބޮޑުދައިތަގެ އެ އެދުމަށް އިޖާބަ ދިނުމަށް އަވަސްވެ ގަތީމެވެ.
” މަންމާ ދަނީ..މިހާރު އެމީހުން ތިބޭނެ ލަސްވެފަ ” އަހަރެމެންނަށް ހިނިތުންވެލާފައި އަވަސް އަވަހަށް ނިލުމެގެން އެދިޔައީ އަނެއްކާ ޒިޔާންގެ ބައިވެރިޔާ ބާވައެވެ. އަހަރެންނަށް ޒިޔާންއަށް ބަލާލެވުނެވެ.އޭނާ ފޯރީގައި ސައިބޯން އިންތަށްފެނި އަހަރެންގެ ޝައްކު ގޯސްކަން ޔަޤީންވިއެވެ. އެހެން ނަމަވެސް އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ޒިޔާންގެ ފައިގާ އަހަރެންގެ ފައިން ކޮއްޓާލީމެވެ.
“އެއީ ތަ؟ ” އަހަރެން ސުވާލުކޮއްލީމެވެ.
” ނޯ…އެއީ ދައްތަގެ ދަރިފުޅު .” ވައި އަޑުން ޒިޔާން ބުނެލިއެވެ.
” ދެންމިގޭގަ އެހެންކުއްޖަކުވެސް އުޅެނީތަ. ދައްތަ ހުންނަނީ އެންމެ އަންހެން ކުއްޖެއްނު.” އަހަރެން ބޮލުގައި ރިއްސާލިއެވެ.
“ނޭގެ މަށަކަށް. މިގެއިން ފެނުނީ ” ޒިޔާންވެސް އިނީ ހައިރާން ކަމެއްގެ ތެރޭގައެވެ.
” ހާދަ މަޑު މަޑުން ކޮން ވާހަކައެއް. ” ބޮޑުދައިތަގެ އެސުވާލުން އަހަރެމެން ދެމީހުންވެސް ސިހުނެވެ.
“މި ..މި..ދައްތަ ކިތަށް ކުދިން ތިބޭތަ؟ ” ބުނާނެ އެއްޗެއް ނޭގިގެން އަހަރެންނަށް އަހާލެވުނެވެ.
“ކިހިނެއްވީ ..ދައްތަ ޅަކަމުންދޯ. “ދައްތަ ލާނެއްގޮތަކަށް ބުނެލިއެވެ.
” ދެކުދިން. ދެންމެ އެދިޔައީ ހަގުދަރި ރީޝާ. ދެން ހުންނަނީ ފިރިހެން ކުއްޖެއް. އޭނަ މިވަގުތުވީ ވިޔަފާރި ކަމެއްގައި ބައްޕަ އާއި އެކު ރާއްޖެއިން ބޭރުގަ. އޭނަގެ ކޮޓަރީގަ ތިދެކުދިން ތި ތިބެނީ.” ހުރިހާ ތަފްސީލެއް ބޮޑުދައިތަ ކިޔާލިއެވެ.
އަވަސް އަވަހަށް ސައިބޯލައިގެން ބޭރަށް ނިކުމެ ވާނުވާ ސާފުނުވެގެން ދެމީހުން ވަރަށް މަޝްވަރާކުރީމެވެ. ޒިޔާންގެ ވާހަކަތަކުން އެގުނީ އެންމެ ފުރަތަމަ އެގެއަށް ކާއެއްޗެހި ބަލާ އައިދުވަހު ރީޝާ އާއިއެކު ސިޓިންރޫމްގައި އެކުއްޖާ އިން ކަމެވެ. އެހެންވިއްޔާ އެއީ ރީޝާގެ ރަޙުމަތްތެރިއަކަށްވުން ވަރަށް ގާތެވެ. އިރުއޮއްސުމާ ގާތްވެފައި ހުރުމުން ގެއާ މާދުރަށްދާކަށް ނުކެރުނެވެ. މަގުމަތީގައި މީހުން އުޅޭ ނޫޅޭގޮތް ބަލާލަ ބަލާލާ ތިބީއެވެ. މަގުމަތިން ދާ ކޮންމެ އަންހެންކުއްޖެއްގެ މޫނު އަހަރެން ވަރަށް ރަގަނޅަށް ބަލަމެވެ. ނީނާއަށްވެދާނެ ކަމަށެވެ.
އިރުއޮއްސުމުން ގެއަށްވަދެ ނަމާދުކޮއްލައިގެން ނިކުމެ ދެމީހުން ތިބީ ސިޓިންރޫމުގައެވެ. ދައްތަ އިނީ ހިންދީ ޑުރާމާއަކަށް ގެއްލިފައެވެ. އަހަރެމެންވެސް ކުރާނެ އެހެންކަމެއް ނެތީތީ ޑުރާމާ ބަލާލަ ބަލާލާ ތިބީއެވެ. ރީޝާ ގެއަށް އައީ އެވަގުތުއެވެ. އަހަރެންހުރީ ރީޝާއާއި ބައްދަލުކޮއް ޒިޔާންގެ ހިތުގެ ރާނީގެ ވާހަކަ އަހާލާ ހިތުންނެވެ. އައިސް އިށީނީ އަހަރެންނާ ވަރަށް ގާތުގައެވެ. މީހާހުރީ ދާހިއްލާ ފޯވެފައެވެ. ލާފައިހުރި ހެދުމުގެ ބާރުކަމުން ހަށިގަޑުގެ ވަނާތަށް އެގެން ހުއްޓެވެ. އަޅާފައިހުރި ބުރުގާ ކުޑަ ކަމުން ކަރުވަޅު ނިވާވަނީ ކިރިޔާއެވެ.
“މަންމާ ..ޖޫސް ތައްޓެއް ގެނެސްދީބަލަ.” ދަބަހުން ޓިޝޫއެއް ނަގާ މޫނުފޮހެލަމުން ރީޝާ ބުންޏެވެ. އަންހެންކުއްޖަކު އެގޮތަށް މަންމަ ގާތު ކަމަކު އެދުނީތީ އަހަރެންނަށް ހައިރާންވެފައި ރީޝާ އާއި ދިމާއަށް ބަލަހައްޓައިގެން އިދެވުނީއެވެ.
ރީޝާގެ މަންމަ އެތަނުން ދިއުމުން އަހަރެން ވާހަކަ ދައްކަން އަގަހުޅުވާލި ވަގުތު ރީޝާ އަހަރެންނަށް ބަލާލިއެވެ.
“ކީއްވެފަ އަގަހުޅުވައިގެން ބަލަން ތި އިނީ..” ރީޝާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. އަހަރެން އަވަސް އަވަހަށް އިސްޖަހާލީމެވެ. އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. ހާދަހާ ޒީލަގަދަ ކުއްޖެކެވެ. އެ މައުސޫމު މޫނުމަތިން އެކަހަލަ އުޅުމެއް ހުރެދާނެ ކުއްޖެއްހެންވެސް ހިއެއް ނުވެއެވެ.
އަހަރެން ޒިޔާންއަށް ބަލާލީ ފަހަރުގައި އޭނާ އެވާހަކަ އަހާލަފާނެ ކަމަށެވެ. އެކަމަކު ޒިޔާން އިނީ އިސްޖަހައިގެން ހޭށެވެ. އަހަރެންނަށް ކަންތަށް ދިމާވީގޮތުން މަލާމަތްކުރަނީއެވެ. އަހަރެންގާތަށްވެސް ހިނިއައެވެ.
ރީޝާ ޖޫސްތަށި ހިފައިގެންވަނީ ކޮޓަރިއަށްށެވެ.އަހަރެން އިތުރަށް އެވާހަކަ ދައްކާކަށް ނުހަދަމެވެ.
“ރީޝާ އެއައީ ކޮންތާކުން؟” ޒިޔާން ސުވާލުކުރީ ދައްތައާއެވެ. ޒިޔާން އެސުވާލު އެކުރީ ކީއްވެބާއެވެ. އަނެއްކާ އެހިތުގައި އެހެން ކަންތަށްތަކެއް އެބުރެނީބާވައެވެ.
“ބާސްކެޓް ކުޅެންގޮސް އެއައީ..އޭނަގެ ކަމަކަށް އޮންނާނީ އޮފީހަށް ދިއުމާއި ބާސްކެޓްކުޅުން.” ދައްތަ ޒިޔާންއަށް ބަލާލާފައި ހީލަމުން ޖަވާބުދިނެވެ.
“ބާސްކެޓް..” އަހަރެންނަށް ހިތާ ހިތުން އެހެން ބުނެލެވުނެވެ. އެއީ ކޮންމެ ދުވަހަކު ނީނާވެސް އާދަވެގެން ކުޅޭ ކުޅިވަރެކެވެ. ފަހަރުގައި ބާސްކެޓް ކުޅޭތަނަކުން އޭނައާއި ބައްދަލުވެދާނެއެވެ. އަހަރެންގެ އުއްމީދު އާވިއެވެ.އަހަރެން ޒިޔާންގެ އަތުގައި ކޮއްޓާލީމެވެ. އަވަހަށް އެވާހަކަ ބުނުމަށް ކޮޓަރިއަށް ގެންދަންވެގެނެވެ.
” ކޮންމެ ދުވަހަކުވެސް ދޭތަ؟” ޒިޔާން އަނެއްކާވެސް ކުރީ ސުވާލެކެވެ.އަހަރެންގެ ހަރަކާތަކަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދިނެވެ.
“އާ..އެތަނަށް ނުގޮސް ނިންޖެއްނާންނާނެ..” ހީލާފައި ދައްތަ ޖަވާބު ދިނެވެ.
ކައިގެން ކޮޓަރިއަށްވަދެ ދެމީހުންވެސް ރޭވީ ޖެހިގެން އަންނަދުވަހު ބާސްކެޓްކުޅޭތަނަށްދާށެވެ.އެތަނުން ދެމީހުންގެ ލޯބިވެސް ލިބިދާނެކަމަށް އުއްމީދުކުރެވެނީއެވެ. ރީޝާއާއިއެކު އެކުއްޖާވެސް ކުޅެން ގޮސްދާނެކަން ޒިޔާނަށް ވަރަށް ޔަޤީނެވެ. ބާސްކެޓް ކުޅޭ ހިއްވާ ނީނާއާ އެފަދަތަނަކުން ބައްދަލުވެދާނެއޭ އަހަރެންގެ ހިތްބުނަނީއެވެ.
ހެނދުނުތެދުވީ ފޮނި އުއްމީދަކައިގެންނެވެ. ޒިޔާން ނިދާފައިއޮތްއިރުވެސް މަޑު ހިނިތުންވުމެއް ތުންފަތްމައްޗަށްވެރިވެފައި ހުއްޓެވެ.
އަހަރެން ހޭވިފައިހުރި އިސްތަށިގަނޑު އަތުން ރީތިކޮއްލަމުން ބޭރަށް ނިކުތީ ކަރުހިއްކައިގެންފައިހުރީތީއެވެ.
” ކޮފީ ގިރަންތަ؟ ” ރީޝާގެ އެ އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ލައިފައިހުރި ކުރުސޯޓައި ހާވާލާފައިހުރި އިސްތަށިގަނޑު ފެނިފައި އަހަރެން އިސްދަށަށް ޖަހާލީމެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.
އަވަސް އަވަހަށް އައިސްއަލަމާރިން ފެންފުޅި ހިފައިގެން އައިސް ކޮޓަރިއަށް ވަނީމެވެ. ލަދުން އަހަރެންނަށް ދަތްކުޑިވިކާލެވުނެވެ. ކުރާނީ ކީއްހެއްޔެވެ. މާލެގައި އުޅެބޮޑެތިވާ ގިނަކުދިންނަށް އެހެންމީހުނަށް އިޙްތިރާމުކުރަން ނޭނގޭއިރު ލަދު ހަޔާތްވެސް ނުހުންނަނީއެވެ. އަނގައަށް އަޅައަލާހުރި ފެންތަށް ބުރައިގެން ދިޔައީ ދޮރުގައި ޓަކި ޖަހާލުމުން ސިއްސަގެން ގޮހެވެ. ކޮށިވެސް އަރައިފިއެވެ.
އެހާލުގައި ދޮރު ހުޅުވާލީމެވެ. ރީޝާއެވެ. ދޮރުގެ ކުޑަ ތަންކޮޅެއް ހުޅުވާލައިގެން ހުރެ އަހަރެން ކަމަކުތޯ ސުވާލުކޮއްލީމެވެ.
“އާދެބަލަ ބޭރަށް ..އެކަނި ކޮފީބޯން ފޫހި.މަންމަ ބަލިވެ ނުތެދުވޭ.” މިގެގައި މެހެމާނެއްގެ ގޮތުގައި ހުރެ އެ އެދުމަށް ފުރަގަސްދޭކަށް ނުކެރުނެވެ. އެހެންބުނެފައިގޮސް ރީޝާ ފައި ވައްކޮށްގެން ސޯފާގައި އިށީނެވެ. ފެންފުޅި ހިފައިގެން ނިކުމެ އަހަރެންވެސް އިށީނީމެވެ. އެހެންނަމަވެސް އަހަރެން އިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ.
“މަންމަ ބުނީ ތިދެމީހުންނަށް އެހީވާށޭ…އެހެންވެ އަސްލު ކޮފީ ބޯނަންތޯ އެހީ ..އަހަރެންނަށް ކޮފީގިރަން ނޭނގޭނެ ކަމަށްތަ ނޫނެކެ ތިބުނީ.” އަހަރެން ނޫނެކޭ ބުނީ އެހެންވެއެއްނޫނެވެ. އެހެނަސް ކޮފީހަދަން އެގޭނެ ކަމާމެދުވެސް އަހަރެންނަށް ޝައްކެވެ. ސުވާލުކުރީތީ އަހަރެން ޖަވާބުދޭން ބޭނުންވިއެވެ.
” އާ.. އަހަރެން ހީކުރީ އަމިއްލަ އަތުން އެވަރު ކަމެއްވެސް ނުކުރެވޭނެ ކަމަށް. މަންމަކަމަށް ކޮފީވެސް ގިރައިދޭން ޖެހޭނީ” އަހަރެން ބޭނުންވީ އޭނައަށް އެއުޅެވޭ ގޮތް އަދި ގޯސްކަން އަންގާލާށެވެ.
” ކީކޭ ކިޔަންތިއުޅެނީ…ތިހާ ރޫޑްކޮށް ވާހަކަ ދައްކަންޖެހޭތަ.” އަހަރެން އިސްޖަހައިގެން އިނުމުން އޭނާގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރެއް ނުފެނެއެވެ.
“އެމީހަކާ ވާހަކަ ދެއްކެނީ އެމީހެއްގެ ބަހުރުވައިން.” އަހަރެން އިސްޖަހައިގެން އިދެ ބުނެލީމެވެ.
” އަހަރެން ނުލާހިކު ލޯބިން ކޮފީ ގިރައިދެންހޭ އެހީ..އަމިއްލައަށްދޯ ތި ރޫޑްވަނީ . ކީއްވެތަ މަށާ ދިމާ ބަލަހައްޓައިގެން ވާހަކަ ދައްކަން ނުކެރެނީ.” އިސްޖަހައިގެން އިދެ ވާހަކަ ދައްކާތީ ރީޝާ ސުވާލުކުރިއެވެ. އެއީ އަޅެ މޮޔަކުއްޖަކީބާވައެވެ. އޭނާ އިންގޮތުން އަހަރެންނަށް ބަލަން ނުކެރިފައި އިނުމުންވެސް ނުވިސްނެނީބާއެވެ.
” ބަލާލަބަލަ…މަށަށް ބަލާފަ ތިބުނަންއުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ.” އަޑު އައީ ވަރަށް ކައިރިންނެވެ. އަހަރެން އިސްޖަހައިގެން އިންއިރު އޭނާގެ ފައި ތިލަ ރީތިކޮށް ފެންނަން ހުރުމުން އޭނާ ހުރީ އަހަރެންގެ ކައިރީގައި ކޮޅަށްކަން އެގުނެވެ.
” ދެންތިގޮތަށް މަގޭ ކުރިމައްޗަށް ނާންނާތި.” އަހަރެން ބާރަށް އެހެންބުނެފައި ތެދުވެގެން އައިސް ކޮޓަރިއަށް ވަނީމެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. ދޮރުޖެހުންލެއްބާރުކަމުން ޒިޔާންވެސް ފުންމައިގެން ތެދުވިއެވެ. އަހަރެން ކަންތަށްވީ ހުރިހާ ގޮތެއް ޒިޔާނަށް ކިޔައިދިނީމެވެ.
” ސާބަސް ނިޔާ..އެކަމާ ނިޔާ ކޮން ރުޅިއެއް ގަދަވާކަށް..އޭނަ އުޅޭ ގޮތަކަށް އޭނަ އުޅެފާނެންނު.” ހެމުން ހެމުން ޒިޔާންވަނީ ފާހާނާއަށެވެ. އަސްލުވެސް އަހަރެންނާ އެއްވެސް ގުޅުމެއްނެތް މީހެއްގެ ސަބަބުން އަހަރެންގެ މޫޑުމި ސަކަރާތްވަނީ ކީއްވެ ހެއްޔެވެ. މޮޔައީ އަހަރެންނެވެ. ކަންކަމާ ގޮތްނިންމެނީ މާއަވަހަށްވިއްޔާއެވެ.
(ނުނިމޭ)