ރޭގަނޑު 10 ގެ ފަހުން އެއްވެސް ކަހަލަ ޑެލިވަރީގެ ހިދުމަތެއް ދިނުން މަނާ

އެއްވެސް ކަހަލަ ޑެލިވަރީއެއް ރޭގަނޑު 10:00 ގެ ފަހުން ނުކުރެވޭނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިހާރު ޑެލިވަރީ ކުރުމަށް ރޭގަނޑު 11 ޖެހުމާ ހަމައަށް އޮންނަނީ ހުއްދަ ދީފަ އެވެ. އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާދަމާއިން ފެށިގެން ރޭގަނޑު 10 އަކުން ފަތިހު ފަހެއް ޖެހުމާ ހަމައަށް މަގުމަތީގައި މީހުން އުޅުމަކީ މަނާކަމެއް ކަމަށެވެ. އެހެންވެ ރޭގަނޑު 10 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން މާލެ ހުޅުވާލާއިރު ހުއްދައަކާއި ނުލައި އާންމުންނަށް ބޭރަށް ނުކުތުމަށް ހުއްދަ ދެ އެވެ. އަދި މާދަމާއިން ފެށިގެން އޮފީސްތައް ހުޅުވުމަށްވެސް ވަނީ ހުއްދަ ދީފަ އެވެ.

ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ގަޑިއަކީ ފަތިހު 5:00 ން ފެށިގެން ރޭގަނޑު 10:00 އަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހެ އެވެ. ހުއްދައާ ނުލައި ބޭރުގައި އުޅެވުނު ނަމަވެސް އެކީގައި ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ އެވެ.

މާދަމާއިން ފެށިގެން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!