މާދަމާގެ ލުއާއިއެކު ވައްކަމާއި ފޭރުން އިތުރުވެގެން ހިނގައިދާނެ: ފުލުހުން

މާދަމާއިން ފެށިގެން ލޮކްޑައުނަށް ލުއި ދިނުމުގެ ގޮތުން ހުއްދައާ ނުލައި މާލެ މަގުމައްޗަށް ނުކުތުމުގެ ފުރުސަތު ފަހިވެގެން ދާތީ ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެގެން ހިނގައިދާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވަުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަަތައް މަދުކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުންނާނެތީ އެފަދަ މައްސަލަތައް ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަވީން ވިދާޅުވިއެވެ.

މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ ވޭތުވެދިޔަ ތިން މަހު ވައްކަމާއި ފޭރުމުގެ އިތުރުން ބޮޑެތި ކުށްތައް މަދު ކަމަށެވެ. 

އެކަމަކު މާދަމާއިން ފެށިގެން ލޮކްޑައުންއަށް ބޮޑު ލުޔެއްދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ހުއްދަ ނެތި ފަތިހު، 5:00 އިން ރޭގަނޑު 10 އަކަށް ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސާފައިވުމުން ގިނަ ބަޔަކު ބޭރަށް ނިކުންނާނެ ކަމަށް ބެލެވޭކަން ފާހަގަކުރައްވަމުން ނަވީން ވިދާޅުވީ ކުށްތައް ވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އަދި އެކަމުގައި ސަމާލުވުމަށް އިލްތިމާސްކުރަމުން ނަވީން ވަނީ އެފަދަ ކަނަކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ވީހާވެސް އަވަހަކަށް ރިޕޯޓްކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

މާދަމާއިން ފެށިގެން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!