ރާއްޖެ އިން ބޭރުން ރާއްޖެ އަންނަ މީހުންނާއި، މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތައް ގޭގައި ކަރަންޓީން ކުރުމަށް ސަރުކާރުން ނިންމާފައި އޮތް އުސޫލު ތިން ވަނަ ފަހަރަށް ބަދަލު ކޮށްފިއެވެ.
މިރޭ އެންމެ ފަހުން އުސޫލަށް ގެނައި ބަދަލަކީ 24 ދުވަހު ގޭގައި ކަރަންޓީން ކުރުމުގެ ބަދަލުގައި 14 ދުވަހަށް ފަހު ކަރަންޓީންގައި ތިބޭ މީހުން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ނިންމުމެވެ.
އަދި އެ އުސޫލު ބުނާ ގޮތުން އެގޮތަށް 24 ދުވަހު ގޭގައި ކަރަންޓީން ވާންޖެހޭއިރު އެފަދަ މީހުން ދޫކޮށްލާނީ އެންޓިބޮޑީ ޓެސްޓް ހެދުމަށް ފަހު ނަތީޖާއަށް ބެލުމަށް ފަހެވެ.
މިރޭ މަބަރޫކް ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި ވަނީ އެގޮތަށް ކަރަންޓީނުގައި ބޭތިއްބުމަށް ފަހު 14 ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް ހެދުމަށެވެ.
“ސާމްޕަލް ނަގާނީ 15 ވަނަ ދުވަހު. ރާއްޖޭގެ އެކި ކަންކޮޅުތަކުން ނެގޭ ސާމްޕަލްތަކެއް ވީމަ މި ބަލަނީ 15 ވަނަ ދުވަހު ނެގޭ ސާމްޕަލް އޭނަ ކަރަންޓީނަށްދާތާ 18 ވަނަ ދުވަސް ހިސާބުގައި ނަތީޖާތައް އެންގޭނެ ކަމަށް. ލަސްތަކެއް އުޅޭނެކަން އިނގޭ. އެހެން ނަމަވެސް ކުރިން އޮތް 24 ދުވަހުގެ ބަދަލުގައި 14 ދުވަސް ކަރަންޓީނު ވުމަށްފަހު ޕީސީއާރް ޓެސްޓެއް ހަދާފައި ދޫކޮށްލެވޭތޯ މަސައްކަތް ކުރުމަށް ޓެގް ޓީމުން ނިންމާފައިވޭ”މަބްރޫކް ވިދާޅުވެ އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އެގޮތަށް މީހުންގެ ސާމްޕަލް ނަގާނީ 15 ވަނަ ދުވަހު ކަމަށެވެ. އަދި އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނެގޭ ސާމްޕަލްތަކެއް ކަމުން އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ 18 ވަނަ ދުވަހަށް އެންގޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެކުރިން އެޗްޕީއޭ އިން ނިންމާފައި އޮތީ ގޭގައި ކަރަންޓީނުވާ މީހުން 24 ދުވަސް ވުމުން ދޫކޮށްލާ ގޮތަށެވެ.