ވަރަށް ގިނަ ދިވެހިންނަށް ވަހީދު ފެނުމުން ބާޣީ އޭ ގޮވޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލު ކުރައްވާ، އިންތިހާބު ނުވެ ރައީސް ކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބް ރައީސްކަން ކުރެއްވި ވަހީދަށް މަގުމަތިން މީހަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނަނިކޮށް މިރޭ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަހީދު، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަގާވާތަކުން ބަދަލުކުރައްވައި، އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ދެކޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ނަޝީދު ވިދާޅުވީ، ގިނަ ރައްޔިތުން އެގޮތަށް ދެކޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރެއްވުމުގެ އިތުރުން، ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން “ބާޣީ” އޭ ގޮވޭ ކަމަށެވެ.

ޑރ. ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ނައިބެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމާއި ހަވާލުވެވަޑައިގެން، ދައުރުން ބޭރުންވެސް ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން އެމަނިކުފާނު ވަނީ ކުރައްވާފައެވެ. ޑރ. ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ފެބްރުއަރީ 8 ވަނަ ދުވަހު އަވަސް އިންތިޚާބަކަށް ގޮވާލައި މާލޭގެ މަގުތަކަށް ނިކުތް އެތައް ހާސް ބަޔަކަށް ފުލުހުން ވަނީ ބޮޑެތި އަނިޔާތަކެއްވެސް ދީފައެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!