ކޮވިޑް-19 އާ ގުޅިގެން ލޮކޑައުންގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގެ ތެރެއިން އޮޕީޑީގެ ހިދުމަތް ދޭން ނިންމި ނަމަވެސް ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތްކުރުމަކީ އަދިވެސް މަނާކަމެއް ކަމުގައި އައިޖީއެމްއެޗުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ ލޮކްޑައުނަށް ލުއިދިނުމުގެ 2 ވަނަ މަރުހަލާގެ ދަށުން އޯޕީޑީ ހިދުމަތްދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ފިލައިގެންގޮސްފައި ވާތީ ނޫން ކަމުގައި އައިޖީއެމްއެޗުން ބުނެއެވެ.
ލޮކްޑައުނަށް ލުއިދިނުމުގެ ގޮތުން އެކި ކަންކަމުގައި ލުއިތައް ދެމުން އަންނަ އިރު، ކޮވިޑް-19 އާ ގުޅިގެން ކުރިން އަމަލު ކުރަމުން އައި ބައެއް އުސޫލުތައް އަދިވެސް ދަމަހައްޓަމުން ދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެ ގޮތުން ހޮސްޕިޓަލުގައި ބާއްވާފައި ތިބޭ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުން އަދިވެސް ވަނީ މަނާ ކުރެވިފައެވެ. މީގެ އިތުރުންވެސް ބައެއް ކަންކަން ކުރިއެކޭ އެއްގޮތަށް އަމަލު ކުރަމުން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.