ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި އުފެއްދި، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް މިނިސްޓަރު މުހައްމަދު އަސްލަމް އައްޔަނުކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި އެ މައްސަލަ ވަނީ މާދަމާ ހެނދުނު 9:00 ގައި ފަށައި ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.
ޕްލޭނިން، ހައުސިން މިނިސްޓްރީއަށް މިނިސްޓަރު އަސްލަމް އައްޔަން ކުރެއްވީ މިއަދެވެ. އެގޮތުން އަސްލަމަށް މަގާމުގެ ފަތްކޮޅު އެރުވުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތު ވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންގޮސްފަ އެވެ.
އާތިފާ ހައުސިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފަ އެވެ.