ރައީސް ވަހީދުގެ ދެކަނބަލުންނަށް ފުރައްސާރަ ކުރި މީހާގެ ދިފާއުގައި އެމްޑީޕީ!

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު ދިމާކޮށް ފުރައްސާރަ ކުރި މައްސަލަ ބަލަން ފެށުމުން އެމީހާގެ ދިފާއުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުން ތެދުވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސެއިން މިއަދު ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ އެ މަނިކުފާނަށް ހަމަލާ ދީފައިވާ ކަމަށެވެ.

ޖޯރޭ އަކީ އެމްޑީޕީ އުފެދުނު އިރުން ފެށިގެން އެޕާޓީގައި ހަރަކާތްތެރިވާ މީހެކެވެ. އެޕާޓީން މިހާތަނަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ. ކޮންމެ ކަންމަތީ އެއްވުމެއްގައިވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ “ޖޯރޭ” ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންވައިގެން އުޅުއްވަނިކޮށް ކަމަށެވެ. ޑރ. ވަހީދު ވިދާޅުވީ ޖޯރޭ އެމަނިކުފާނުގެ ހަށިކޮޅަށް އަތް ނުލި ނަމަވެސް ހަޑިހުރުތު ބަހުން މުއާމަލާތު ކޮށް ހެދިކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު 7 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ވަހީދަށް ހަމަލަދިނުން ކުށްވެރިކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ އަނގަބަހުން އެއްޗެއް ރައްދު ކުރުން ހަމަލާއަކަށް ވަނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ރައީސް ވަހީދުގެ ފަރާތުން ޖިސްމާނީ އަނިޔާ އާއި ގެއްލުން އިންތިހާއަށް ލިބުުނު ރައްޔިތުންގެ ތެރެއިން މީހަކަށް އެވަރު ވެސް ނުކޮށްލެވޭނެތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ އެތައް ބަޔަކަށް އަނިޔާ ދިން މީހަކާ ދިމާއަށް އަނގަބަހުން އެއްޗެއް ބުނުމަކީ ބޮޑު “ހަމަލާ” އެއް ކަމަށް ސިފަ ކުރުމަކީ ހަގީގީ ހަމަލާ ލިބުނު އެންމެންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ އުޅެއުޅެ އަނިޔާއަށް އިންސާފު ނުލިބި، އަނިޔާވެރިޔާ ފެނުމުން އަނިޔާވެރިޔާއާ ދިމާލަށް އެއްޗެއް ބުނެވުމަކީ އިންސާނީ ތަބީއަތް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އެކްޓިވިސްޓުން ގެންދަނީ ރައީސް ވަހީދަށް މަގުމަތިން ދިމާކޮށް ފުރައްސާރަކުރި މީހާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.


2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު، ރައީސް ކަމަށް ޑރ. ވަހީދު ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. އެމްޑީޕީން އެ ދުވަހުންސުރެ ބުނަމުން އަންނަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަން ރައީސް ވަހީދުގެ އަޑީގައި ހުންނަވައިގެން ‘ބަޣާވާތަކުން” ވައްޓާލީ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!