މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކޮށްފި

ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކޮށްފި އެވެ.

ސަރުކާރުން މުއިޒްގެ މައްޗައް އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ގާނޫނު ނަމްބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ފުލުހުންނަށް ދީފައިވާ ކަމަށެވެ. 

ގާނޫނުލް އުގޫބާތުގައި ބުނާގޮތުން މިއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އަދި އެ ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. މި ކުށް މުއިޒްގެ މައްޗައް ސާބިތު ވެއްޖެނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުއިޒްގެ ކެނޑިޑެންސީ ބާތިލްވެ، އިންތިހާބުގަައި ވާދަ ނުކުރެވޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!